ގއ. ވިލިނގިއްޔަށް ބޯޓެއްގައި އެތެރެކުރަން އުޅުނު ޑްރަގު އަތުލައިގެންފި

ގއ. ވިލިނގިއްޔަށް ދިޔަ ބޯޓެއްގައި ރަށަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.
އެ ތަކެތި އަތުލައިގެންފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހު މާލެއިން ފުރައިގެން އެ ރަށަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
ވިލިނގިލީ ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ބޯޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމުގަ އެވެ.
އެ މައްސަލަ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަން ފާހަގަކުރި އެވެ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.