އިތުރު ހަރަކާތްތައް ބާއްވާނެ ގޮތުގެ ނަމޫނާ ކަލެންޑަރެއް ސްކޫލްތަކަށް ފޮނުވަނީ

އިތުރު ހަރަކާތްތައް ބާއްވާނެ ގޮތުގެ ނަމޫނާ ކަލެންޑަރެއް ސްކޫލްތަކަށް މާދަމާ ފޮނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.
ބައެއް ސްކޫލްތަކުގައި ކުދިންގެ ކިޔެވުމަށް އަސަރުކުރާ ވަރަށް، ކުދިންނަށް ބުރަވާ ވަރަށް އިތުރު ހަރަކާތްތައް ބާއްވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.
އެންމެ ފަހުން ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ގެންދާނެ ގޮތުގެ ކަލަންޑަރެއް ސްކޫލްތަކަށް ހަމަޖެއްސުމަށް މާލޭގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި މަސައްކަތު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވަނީ ކުދިންނަށް ބުރަ ނުވާނެ ގޮތަށް ހަރަކާތްތައް ގެންދަން ސްކޫލްތަކުގެ މެނޭޖުމަންޓަށް އަންގަވައިފަ އެވެ.
މިރޭ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުން 'ކުއްލިކުއްލިއަށް' ހަރަކާތްތައް ބާއްވަން ނިންމައި ބެލެނިވެރިންނަށް އެންގުމުގެ ސަގާފަތް ބަދަލުކުރުމަށް މިހާރުގެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކުއްލިކުއްލިއަށް ހަރަކާތްތައް ގެންދިއުމުގެ ސަގާފަތް ދޫކޮށް ތަރުތީބު މަގުން ހަރަކާތްތައް ގެންދިއުމުގެ ސަގާފާތެއް އާލާކުރަން މި ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ތައުލީމީ ނިޒާމުގެ ތެރެއިން ކުޅިވަރު ކުޅުމާއި ދުޅަހެޔޮ ވުމަށް ޓަކައި ބޭނުންވާ ހަރަކާތްތައް ހިންގަން ވާނެ ކަމަށާއި ދީނީ އަދި އަދަބީ ހަރަކާތްތައް ވެސް ކުރިއަށް ގެންދަން ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް އަސަރު ކުރާ ވަރަށް ހަރަކާތްތައް ގިނަކޮށްގެން ވެސް ނުވާނެ ކަމަށެވެ.
މިނިސްޓްރީން ނަމޫނާ ކަލެންޑަރެއް ތައްޔާރުކޮށް ސްކޫލްތަކަށް ފޮނުވަން ހަމަޖެހިފައިވާ ކަން މިނިސްޓަރުގެ ވާހަކަފުޅުގައި ދެން ފާހަގަ ކުރެއްވި އެވެ.
"ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ސަޖެސްޓެޑް އެކްޓިވިޓީ ކަލެންޑަރު މާދަމާ ފޮނުވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލުން ބާއްވާ ހަރަކާތްތަކާއި ހަރަކާތްތައް ބާއްވަން ހަމަޖެހިފައިވާ ދުވަސްތައް ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިއާލާ އެނގެން އޮންނަން ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އެ ގޮތަށް އިރުޝާދު ދެއްވާފައިވާނޭ ކަމަށް ވިދާޅުވި އެވެ.
