ރަންތާލިއާ މެރަތަންގެ ދެ ވަނަ ރާއްޖޭގެ ޝަމްހާއަށް

ތުރުކިއޭގައި ބޭއްވި 20 ވަނަ ރަންތާލިއާ ފުލް މެރަތަންގެ ދެ ވަނަ ރާއްޖޭގެ ދުވުންތެރިޔާ ޝަމްހާ އަހްމަދު ހޯދައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި 42 ކިލޯމީޓަރު ދުވުން ޝަމްހާ ނިންމާފައި ވަނީ 3 ގަޑިއިރާއި 11 މިނެޓާއި 50 ސިކުންތުންނެވެ.
ޝަމްހާގެ ކޯޗު ނަސްރުﷲ އަހްމަދު (ނަސްރު ކޯޗް) ބުނެފައި ވަނީ އެ ކާމިޔާބީ އާ ދޭތެރޭ އޭނާ ވަރަށް އުފާވާ ކަމަށެވެ. ކާމިޔާބީއަކީ ޝަމްހާ ހިތްވަރާ އެކު ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާކަން ވެސް ނަސްރު ފާހަގަކުރި އެވެ.
އުމުރުން 40 އަހަރުގެ ޝަމްހާއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ އެވެ. އަންހެނުންގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަނީ އޭނާގެ އަތުގަ އެވެ. އެއީ 39 މިނެޓާއި 34 ސިކުންތުން ދުވުން ނިންމައިގެނެވެ.
ޖަރުމަނުވިލާތުގައި ބޭއްވި ރޯޑް ރަންގައި 5 ކިލޯމީޓަރު ދުވުމުގައި ވާދަކޮށް 20 މިނެޓަށް ވުރެ އަވަހަށް ރޭސް ނިންމި ފުރަތަމަ ދިވެހި އަންހެން ދުވުންތެރިޔާގެ ޝަރަފު ވެސް އޭނާ ވަނީ ހާސިލުކޮށްފަ އެވެ. އެ ދުވުން ނިންމީ 19 މިނެޓު 41.86 ސިކުންތުންނެވެ.
ޝަމްހާ ވަނީ އިންޑިއަން އައިލެންޑް ގޭމްސްގައި ދިހަ ހާސް މީޓަރުގެ ދުވުން 45 މިނެޓުން ނިންމައިގެން ލޯ މެޑެލް ވެސް ހޯދާފަ އެވެ.