ފުލުހުން ނިންމީ ޝާމިލުގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގަން

ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލުގެ މައްޗަށް ޖިނާއި ތަހުގީގެއް ހިންގައިދޭން އަޒްމިރަލްދާ އެދިވޑައިގަތް ނަމަވެސް އެފަދަ ތަހުގީގެއް ކުރިއަށް ނުގެންދަން ފުލުހުން ނިންމައިފި އެވެ.
ޝާމިލުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަޒްމިރާލްދާ އެދިވަޑައިގެންނެވީ އަޒްމިރަލްދާއާ ގުޅޭގޮތުން ޖިނާއި ތަހުގީގެއް އޭސީސީން ފަށާފައިނުވަނިސް، ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ސިޓީއެއް ފޮނުވި މައްސަލާގައި ކަމަށެވެ. އަދި އަޒްމިރާލްދާ އަށް ނުފޫޒު ފޯރުވި މައްސަލާގައިވެސް ޖިނާއި ތަހުގީގެއް ހިންގަން ވެސް އެދިވަޑައިގެންނެވި އެވެ.
އެ މައްސަލައިގައި ފުލުހުން ދިން ޖަވާބު ފެންނަ ފޮޓޯއެއް އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލު މިއަދު ހިއްސާކުރެއްވި އިރު އޭގައި ބުނެފައިވާ ގޮތުން އޭސީސީގެ ސިޓީއާ ގުޅިގެން ޖިނާއީ ކުށުގެ އަމަލެއް ކޮށްފައިވާ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށެވެ.
އެހެންވެ އެ މައްސަލަ ނުބަލަން ފުލުހުން ވަނީ ނިންމައިފަ އެވެ.
އަޒްމިރަލްދާގެ މައްސަލަތައް ޖޭއެސްސީން ބަލަން ފަށާފައިވާ އިރު އެކަމާ ގުޅޭ އަޑުއެހުންތަކެއްވެސް ބާއްވައިފައި ވެއެވެ.
ޖޭއެސްސީން ބަލަމުންދަނީ އަޒްމިރަލްދާގެ ސުލޫކީ ހަތަރު މައްސަލަ އެކެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ފިރިކަލުން ޑރ. އިސްމާއިލް ލަތީފްގެ ބަންދަށް އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތަކުގެ މައްސަލަ އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދެއްކި މަޖިލީހެއްގައި އަޒްމިރާލްދާ އިންނެވި މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އަދި އަޒްމިރާލްދާގެ ފަރާތުން ނޫސް ބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.
