ޚަބަރު

ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ކޯރާޑީއަކުން ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ދެ މީހުން/ ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނަކީ ގދ. ފިޔޯރީ / ހީނާމާގެ، ރުސްތުމް އިބްރާހީމް (26 އަހަރު) އާއި ބ. ގޮއިދޫ / ފިނިފެންމާގެ، ސައިފްﷲ ފައިސަލް (19 އަހަރު) ކަމަށެވެ.

އެ މާރާމާރީ ހިނގާފައިވަނީ ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ 23:35 އެހައިކަންހާއިރު، ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލެއްގައި އައިސް ކޯރާޑިއަކުން ހަމަލާދީގެންނެވެ. މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެރޭގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި މައްސަލާ ޕީޖީ އޮފީހުން ދައުވާ ކުރުމަށްޓަކައި މިއަދު ބަލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!