ޚަބަރު

މަޑުލު މުހައްމަދު ވަހީދު އަވަހާރަވެއްޖެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޑުލު މުހައްމަދު ވަހީދު: ދިވެހި އަދަބިއްޔާތާއި މީޑިއާގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ވަނީ ކޮށްދެއްވާފައި / ފޮޓޯ:ދިވެހި ބަހުގެ އެކެޑަމީ

ދިވެހި އަދަބިއްޔާތާއި މީޑިއާގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުހައްމަދު ވަހީދު އަވަހާރަވެއްޖެ އެވެ.

Ads by MPL

ވަހީދު އަވަހާރަވެފައި ވަނީ މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އުމުރުން 77 އަހަރުގެ ވަހީދު އަވަހާރަވީ ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގަ އެވެ.

ވަހީދަކީ މަދަރުސީ ދައުރުން ފެށިގެން ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވުނު ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ކިޔަވައިދެއްވާފަ އެވެ. އޭގެ އިތުރުން 1980 ގެ އަހަރުތަކުގައި ރައީސް އޮފީހުން ސަރުކާރުގެ މުވައްޒަފުންނަށް ހިންގެވި ވަޒީފާގެ ތަމްރީނު ކޯސްތަކުގައި ވެސް ވަހީދު ވަނީ ކިޔަވައިދެއްވާފަ އެވެ.

މަޑުލު ވަހީދު ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި "އިސްލާމީ އަދަބު އަހުލާގު"، "ދިރިއުޅުމުގެ ރަހަތައް"، "ހަޔާތުގެ ހަދިޔާ"، "ހަދިޔާ 2"، "ހަރުދަނާ ޝަހުސިއްޔަތު"، "ކިޔަވާށެވެ. އަދި ވިސްނާށެވެ."، "ދޭހައިގެ އަތްމަތީ ފޮތް"، "ދިވެހިރާއްޖޭގެ ފަތުރުވެރިކަން"، އަދި "ހަލީސާ" ހިމެނެ އެވެ.

އޭގެ އިތުރުން އޭނާ ވަނީ އިނގިރޭސި ބަހުން ދިވެހި ބަހަށް ގިނަ ލިޔުންތަކެއް ތަރުޖަމާކޮށްދެއްވާފަ އެވެ. ދިވެހިރާއްޖެ އާ ބެހޭގޮތުން އެޗްސީޕީ ބެލް އިނގިރޭސި ބަހުން ލިޔުއްވި މޮނޮގްރާފް ދިވެހި ބަހަށް ވަނީ ތަރުޖަމާކުރައްވާފަ އެވެ.

ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި ވަހީދު ވަނީ މެދުނުކެނޑި ބައި ގަރުނު ހޭދަކުރައްވާފަ އެވެ. އެ ފަންނުގެ އިތުރުން އޭނާއަކީ ކުޅަދާނަ ނޫސްވެރިއެކެވެ. ދައުލަތުގެ މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވިއިރު، ވަހީދަކީ އެ މީޑިއާ ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދެވި މޯލްޑިވްސް ނޭޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) ގެ ފުރަތަމަ ޗެއާމަނެވެ.

ވަހީދު ސަރުކާރުގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 1966 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއްތިޖާރާގެ އިނގިރޭސި ކާތިބުކަމުގެ މަގާމެވެ. އެފަހުން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޮޑްކާސްޓިންގެ ބޭރު ހަބަރު ލިޔާ ރިޕޯޓަރުކަމާއި އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރުކަމާއި ޑިރެކްޓަ ޖެނެރަލްގެ މަގާމު ހިމެނެ އެވެ.

އޭގެ އިތުރުން ނުރަސްމީ ތައުލީމުދޭ ބައިގެ މުދައްރިސްކަމާއި ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރުކަމާ އަދި ހާއްސަ މުޝީރުކަމުގެ މަގާމު ހިމެނެ އެވެ. ދިވެހި ބަހުގެ އެކަޑަމީގެ ހާއްސަ މުޝީރުކަން ވެސް ކުރައްވާފައިވެ އެވެ.

ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ވަހީދަށް ވަނީ 1985 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. ކުރު ވާހަކަ ލިޔުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1997 ވަނަ އަހަރު ލިބިވަޑައިގެންނެވި އެވެ.

ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވަހީދަށް ވަނީ ލިބިވަޑައިގެންފަ އެވެ. އޭގެ އިތުރުން އެ އަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ރަން ގަލަން ވެސް ލިބިވަޑައިގެންފައިވެ އެވެ.

އެކި މަގާމުތަކުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ހިދުމަތް ކުރެއްވި މަޑުލު ވަހީދު، އެންމެފަހުން އަދާކުރައްވާފައި ވަނީ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަމުގެ މަގާމެވެ.

Ads by Allied Insurance