ކުޅުދުއްފުށި ޕޮލިސް ކަސްޓަޑީގައި ހުރި އިތުރު މީހަކު ނަފްސަށް ގެއްލުން ދޭން އުޅުނު

ކުޅުދުއްފުށި ސިޓީގެ ޕޮލިސް ކަސްޓަޑީގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅުނު މައްސަލަ ފެންމަތިވެފައިވަނިކޮށް ހަމަ އެތަނުގައި ހުރި އިތުރު މީހަކު ނަފްސަށް ގެއްލުން ދޭން އުޅުނު މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަންއިން ބަލަން ފަށައިފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގެ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަރުވެފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަން ހާމަކޮށް އެޗްއާރުސީއެމްއިން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަަލައާ ގުޅިގެން އެ ކޮމިޝަނުގެ ތަހުގީގު ޓީމުން، ކުޅުދުއްފުށީގައި ހަރަކާތްތެރި ވަމުންދަނިކޮށް، ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި އިތުރު މީހެއް އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް މަސައްކަތްކުރި ހަބަރު ވެސް ލިބުނު ކަމަށެވެ. އެހެންވެ އެ އެކަމުގައި ވެސް ކަންހިނގާފައިވާ ގޮތް ބެލިކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"މި ދެ މައްސަލައަކީ މިހާރުވެސް ކޮމިޝަނުން ތަހުގީގު ކުރަމުންދާ ދެ މައްސަލައެވެ." އެޗްއާރުސީއެމްއިން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ މިހާތަނަށް ކުރި ތަހުގީގުތަތަކުން ފުލުހުންގެ ގިނަ މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނުހުންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ ފުލުހުންގެ ހުރިހާ މަރުކަޒުތަކެއްގެ އެތެރެއާއި ބޭރު ފެންނަގޮތަށް ކެމެރާ ހަރުކުރުމަށް އެދިފައިވާ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.
އެޗްއާރުސީއެމްއިން ބުނީ ފުލުހުން އެ ކަން އަދި ނުކޮށް އޮތީ ބަޖެޓުގެ ދަރިކަން އޮވެގެން ކަމަށާއި އެކަން މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށެވެ.
