ޚަބަރު

ކުރުސީ އެކައުންޓުގެ ފަހަތުގައި ހުރި މީހާ އެނގޭ: ރަޝިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރަޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިވަން އެސް ޖަގަރްޔަން / ފޮޓޯ:ރައީސް އޮފީސް

ކާކުކަން ނޭނގޭ ގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި "ހަސަން ކުރުސީ" ގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓުގެ ފަހަތުގައި ހުރި މީހާ އެނގޭ ކަމަށް ރަޝިއާއިން ހާމަކޮށްފި އެވެ.

Ads by MPL

އެކި ފަރާތްތަކަށް ފާޑުކިޔައި، ކޮރަޕްޝަނާ ގުޅޭ ތުހުމަތުގެ ޕޯސްޓުތައް ކުރާ ކުރުސީ އެކައުންޓުން އިއްޔެ ވަނީ ރާއްޖެ މެދުވެރިކޮށް ރަޝިއާއަށް ކޮމްޕިއުޓަ ޗިޕްތަކެއް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ރަޝިއާއިން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިވަން އެސް ޖަގަރްޔަން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރުސީ އެކައުންޓުން އެ ގައުމާ ގުޅޭގޮތުން ކޮށްފައިވާ ޕޯސްޓުގެ ފަހަތުގައި ހުރީ ކާކުކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ކުރުސީގެ ނަމުގައި އެކައުންޓް ހިންގަނީ ޔޫރަޕުގެ ގައުމެއްގައި މިވަގުތު ފިއްލަވައިގެން އުޅުއްވާ ރާއްޖޭގެ ކުރީގެ ހައި-ރޭންކް ސިޔާސީ ބޭފުޅެއް ކަމުގައި ސަފީރު ވިދާޅުވި އެވެ.

ރަޝިއާއިން ވަނީ ކުރުސީ އެކައުންޓުން ކުރި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ވާހަކަތަކަކީ އެ ގައުމުން އެމެރިކާ އާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރުވަން ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

ކުރުސީ އެކައުންޓުގެ ފަހަތުގައި ހުރި މީހާ އެނގޭ ކަމަށް ރަޝިއާއިން ހާމަކުރިއިރު، ފުލުހުން ވަނީ އެ އެކައުންޓް ހިންގާ މީހާ ހޯދުމަށް ތަހުގީގެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ތަހުގީގު ހިންގާފައި ވަނީ އެކައުންޓުގެ ވެރިފަރާތް ހޯދައިދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްސަލަ ހުށަހެޅުއްވުމާ ގުޅިގެންނެވެ. މައްސަލަ ހުށަހެޅުއްވީ އެ އެކައުންޓް ހިންގަނީ އެމަނިކުފާނު ކަމަށް ކުރެވުނު ތުހުމަތުތަކާ އެކުގަ އެވެ.

އެ ތަހުގީގާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!