ވާޗުއަލް އޮޓޮފްސީގައި މުހިންމު މައުލޫމާތުތައް ނެތް، ރިޕޯޓު ބަލައެއް ނުގަންނަން: ޒަކިއްޔާގެ އާއިލާ

މީގެ ހަތް މަސް ދުވަސް ކުރިން ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީ ރިޕޯޓުގައި މަރުވި ގޮތާއި ލިބިފައިވާ ޒަހަމްތަކުގެ ފުންމިން ފަދަ މުހިންމު މައުލޫމާތުތައް ނުހިމެނޭތީ އެ ރިޕޯޓު ބަލައިނުގަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.
ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ނަހަދައި ވަޅުލުމުންނާ އަދި އޭނާގެ މަރާ ގުޅިގެން އާއިލާ އާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ފުލުހުން ވަނީ ސީޓީ ސްކޭނާއި އެމްއާރުއައި ބޭނުންކޮށް ޒަކިއްޔާގެ ހަށިގަނޑުގެ ތްރީޑީ މޮޑެލްއެއް ތައްޔާރުކޮށް ވާޗުއަލް އޮޓޮފްސީއެއް ހަދާފަ އެވެ. އެ ރިޕޯޓުން ދައްކާ ގޮތުން ޒަކިއްޔާ މަރުވީ އަމިއްލައަށްވީ ޒަަހަމްތަކެއްގެ ސަބަބުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ޒަކިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާމިނަތު ޝަޒިއްޔާގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޒަކިއްޔާގެ އާއިލާގެ މެމްބަރުން ހިމެނޭ ގޮތުން މަރުގެ މައްސަލާގައި އިންސާފު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވާޗުއަލް އޮޓޮޕްސީގެ މައުލޫމާތު ހޯދުމަށް މި މަހުގެ 10 ވަނަ ދުވަހު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ނަމަވެސް އެ ސިޓީއަަށް މިހާތަނަށް މިނިސްޓްރީގެ ފަރާތުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ އެދުމުގެ މަތިން މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ބައެއް އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމަށް ވާޗުއަލް އޮޓޮޕްސީއެއް ކަމަށް ފުލުހުން ބުނާ ޑޮކިއުމަންޓެއް ގެނައި ނަމަވެސް ޑޮކިއުމަންޓް އޮތީ އިނގިރޭސި ބަހުން ކަމަށާ އަދި ބައްދަލުވުމުގައި ފުލުހުން މައުލޫމާތު ދިނީ ދިވެހި ބަހުން ތަރުޖަމާކޮށްފައިވާ ކަމަށް ބުނާ އެއްޗަކަށް ބަލައިގެން ކަމަށް ޝަޒިއްޔާ ބުންޏެވެ.
"އެ ޑޮކިއުމަންޓް ފުލުހުންގެ އަތުގައި ބޭއްވުމަށް ފަހު ފޮޓޯ ހިމެނޭ ސަފްހާތައް މަތިމަތިން ދުރުން ބަލާލުމުގެ ފުރުސަތު ލިބުނެވެ. މިގޮތުން ފެނުނު މިންވަރަށް ބަލާއިރު، އެ ޑޮކިއުމަންޓަކީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަރާތުން ހޯދާފައިވާ ބައެއް ޖަވާބުތަކެއް ހިމެނޭ ކަރުދާހެއްކަން ސާފުވި އެވެ." ބަޔާނުގައިވެ އެވެ.
ޝަޒިއްޔާ ބުނި ގޮތުގައި އެ ރިޕޯޓުގެ ފުރަތަމަ ސަފްހާ އާއި ފަހު ސަފްހާ ފެނިފައި ނުވާ ކަމުގަ އެވެ. އެހެންވެ ރިޕޯޓުގައި ސޮއިކުރީ ކޮންބައެއްކަން އެނގިފައި ނުވާ ކަމުގަ އެވެ.
"ނަމަވެސް އަޅުގަނޑުމެންގެ ފަރާތުން ސާފުކުރި މައުލޫމާތުން އެނގުނު ގޮތުގައި މަތީގައިވާ ސުރުހީގައި ވާޗުއަލް އޮޓޮޕްސީ ރިޕޯޓު ބަޔާން ކުރުމުގެ ބަދަލުގައި އޮތީ އެކްސްޕާޓް އޮޕީނިއަން ކަމަށް ފުލުހުންގެ ފަރާތުން އެނގުނެވެ." ބަޔާނުގައިވެ އެވެ.
ރިޕޯޓުގައި ހިމެނޭ ކަމަށް ފުލުހުން ދެއްކި ވާހަކަތަކާ ގުޅިގެން އާއިލާގެ ފަރާތުން ކުރި ބައެއް ސުވާލުތަކަށް
ދިން ޖަވާބުން އެ ޑޮކިއުމަންޓުން ޒަކިއްޔާ އަމިއްލައަށް ކަރުގައި ވަޅި އަޅާފައި ވަނީ ކޮޅަށް ހުރެގެން ކަމެއް، އިށީނދެ އިނދެގެން ކަމެއް ނުވަތަ އޮށޯވެ އޮވެގެންކަން ސާފު ނުވާ ކަމަށް އެނގޭ ކަމުގަ އެވެ. އަދި ލިބިފައިވާ ޒަހަމްތަކުގެ ފުންމިން ފަދަ މުހިންމު މައުލޫމާތުތައް ރިޕޯޓުން އެނގެން ނެތް ކަމުގައި ޝަޒިއްޔާ ފާހަގަކުރި އެވެ.
އާއިލާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ ރިޕޯޓުގައި ހިމެނޭ 4 ގަނޑު ފޮޓޯއަކީ ސީނުން ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ. ޒަކިއްޔާގެ މުޅި ހަށިގަނޑުގެ 3ޑީ ސްކޭނެއް ހަދާފައިވާކަން އެނގެން ނެތްއިރު، އެ ޑޮކިއުމަންޓް އޮތީ އާންމު އުސޫލުން ރިޕޯޓެއް އޮންނަ ފޯމެޓަށް ނޫން ކަމަށެވެ. އޭގައި ސުވާލާއި ޖަވާބުތަކެއް ހުރުމުން ބޮޑަށް ގަބޫލުކުރެވެނީ އެއީ ރިޕޯޓެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ފުލުހުން ފޮނުވި ފޮޓޯތަކާއި ސުވާލުތަކުގެ މައްޗަށް ބިނާކޮށް ދީފައިވާ ރައުޔެއް ކަމަށް ދެކޭ ކަމުގައި އާއިލާއިން ބުންޏެވެ.
"ފުލުހުންގެ ފަރާތުން އެ ބައްދަލުވުމުގައި ވިދާޅުވި މައުލޫމާތަށް ބަލާއިރު މި ޑޮކިއުމަންޓް ތައްޔާރުކުރެވުނީ ޑިޕްލޮމެޓިކް ޗެނެލުން ކަމުގައިވާއިރު، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދިފާއު ފުލުހުން ނަންގަވާތީ، ތަހްގީގަށް ނުވަތަ ޝަރީއަތަށް ވަކި ކަމެއް ނުވަތަ ވަކި ވާގިއާއެއް އޮތް ކަމަށް ނިންމުމުގައި އެ ޑޮކިއުމަންޓަށް ރިއާޔަތްކުރެވޭނެ ކަމަށް ވެސް ނުދެކެމެވެ." ބަޔާނުގައިވެ އެވެ.
ޝަޒިއްޔާ ބުނި ގޮތުގައި އެ ސަބަބުތަކާ ހުރެ އާއިލާގެ ފަރާތުން އެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަ ކަމުގަ އެވެ. އޭގެ ބަދަލުގައި އެއީ ސައްހަ ރިޕޯޓެއް ނަމަ އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް ފަންނީ ބޭފުޅުންނާ އެކު ފުރުސަތު ދޭން ނުޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމުގަ އެވެ.
އެގޮތުން ވެސް މައުލޫމާތު ނުލިބިއްޖެ ނަމަ، ކުރިއަށް ހުރި މަރުހަލާތަކުގައި ޝަރުއީ ކޯޓު މެދުވެރިކޮށް ހެކި ހާމަކުރުމާ ގުޅޭ އަމުރަކަށް އެދުމަށް އާއިލާއިން ގަސްތުކުރާ ކަމުގަ އެވެ.
ބަޔާނުގައި އިތުރަށް ބުނީ ޒަކިއްޔާގެ ނަފްސާނީ ބަލީގެ ބާވަތަކީ ކޮބައިކަން އެންމެ ކުޑަމިނުން ސާފުކޮށްދޭން ޖެހޭއިރު، ނަފްސާނީ ބަލީގެ ގޮތުގައި އޭނާ ޑައިގްނޯސް ކުރެވިފައިވާ ބައްޔެއް މިހާތަނަށް ތަހްގީގުން ސާފުކޮށްދީފައި ނުވާ ކަމަށެވެ.
ފުލުހުންގެ ބައްދަލުވުމުގައި މި މައްސަލައިގެ ތަހްގީގު ނިންމާލުމަށް ނުވަތަ އަމިއްލަ މަރެއް ކަމަށް ބަޔާންކޮށް
ތަހްގީގު ނިންމާލުމަށް މިވަގުތަށް މަޑުޖައްސައިދިނުމަށް އާއިލާގެ ފަރާތުން އެދިފައިވާނެ ކަމަށް ޝަޒިއްޔާ ބުންޏެވެ. އެގޮތަށް އެދިފައި ވަނީ ދައުލަތުގެ އެހެން މުއައްސަސާތަކުން މައްސަލަ ބަލުންދާތީ އެފަދަ ނިންމުމެއް ނިންމުން އިންސާފުވެރި ގޮތަކަށް ނުވާނެތީ ކަމަށެވެ.
އޭގެ އިތުރުން އެންމެ ކުޑަމިނުން އަމިއްލައަށް މަރުވި ކަމަށް ބެލި ނަމަވެސް އަމިއްލައަށް މަރުވާން ޖެހޭ ސަބަބެއް ދެނެގަތުމަކީ ތަހްގީގުގައި ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އާއިލާއިން ދެކޭތީ ކަމުގައި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
