ޚަބަރު

ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ނިންމީ އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު އަޒްމިރާލްދާ / ފޮޓޯ:ރައީސް އޮފީސް

ސަސްޕެންޝަންގައި މިހާރު ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުއާއި އަލީ މަހާޒް އަލީ ޒާހިރު ވަކިކުރަން އެ ދެ މީހުންގެ މައްސަލަތައް ބަލަމުންދާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގު ޓީމުން މިރޭ ނިންމައިފި އެވެ.

Ads by MPL

ތަހުގީގު ކޮމިޓީން މި ގޮތަށް ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދު އަމުރަކަށް އަޒްމިރަލްދާއާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ކޮމިޓީން އެކުލަވާލި ތަހުގީގުގެ ފަހު ރިޕޯޓްގަ އެވެ. ތަހުގީގު ރިޕޯޓަށް ފަނޑިޔާރުން ޖަވާބުދާރީވުމަށް ފޮނުވަން ކޮމިޝަނުގެ މިރޭ ބޭއްވި ބައްދަލުވުމުގައި ނިންމި އެވެ.

ފަނޑިޔާރުން ވަކިކުރުމުގައި ފަހު ގޮތެއް ކޮމިޝަނުން ނިންމާނީ، ފަނޑިޔާރުން ރިޕޯޓަށް ޖަވާބުދާރީވުމަށެވެ.

ސުލޫކީ މައްސަލަަތަކެއް ފެންމަތިކޮށް އަޒްމިރަލްދާއާއި މަހާޒް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުން ސުއޫދު ސަސްޕެންޑްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ސަސްޕެންޝަންއާ ގުޅިގެން  ސޫދު އިސްތިއުފާ ދެއްވި އިރު އަޒްމިރަލްދާއާއި މަހާޒުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ ކުރިއަށް ގެންގޮސްފި އެވެ.

އަދި މިރޭ ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ ތަހުގީގު ޓީމުން އަޒްމިރަލްދާ އަދި މަހާޒް ވަކިކުރަން ވަނީ ނިންމައިފަ އެވެ. އަދި އެއާ ގުޅޭ ރިޕޯޓް ފާސްކޮށް އެ ރިޕޯޓަށް ޖަވާބު ދާރީވާން ފަނޑިޔާރުންނަށް ފޮނުވަން ވެސް މިރޭ ފާސްކުރި އެވެ.

އަޒްމިރަލްދާ ވަކިކުރަން  ޖޭއެސްސީގެ ތަހުގީގު ޓީމުން ނިންމިއިރު އޭނާގެ މައްސަަލަ ޖޭއެސްސީން ބަލަމުންދަނީ ވަކި ފަރާތަކަށް ޖެހިގެން ކަމަށް ބުނެ އޭނާ ހުށަހެޅި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް މި ހަފްތާ ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީން ދެން ބަލާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކެވިއިރު އަޒްމިރަލްދާ އިން މައްސަލަ ހިމެނެ އެވެ.

އޭގެ އިތުރުން ޖޭއެސްސީން އަޒްމިރަލްދާގެ ތަހުގީގު ހިނގާ ގޮތާ ގުޅޭ އޭނާގެ ވަކީލު މެދުވެރިކޮށް ބަޔާން ނެރުއްވާ މައްސަލަވެސް ސުލޫކީ މައްސަލައެއްގެ ގޮތުަގައި ދަނީ ބަލަމުންނެވެ.

މަހާޒު އާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާއިރު، އެއް މައްސަލައަކީ މަސާޖު ޕާލާއަކުން ހައްޔަރުކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެކެވެ.

ދެވަނަ މައްސަލައަކީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން މުއާމަލާތްކުރެއްވި ތަނެއްގައި މަހާޒާއި އަޒްމިރާލްދާ ވެސް އިންނެވި މައްސަލަ އެވެ.

 

Ads by Ooredoo