އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރެވުމުން އަމިއްލަ ބާރުވެރިކަމާ އެކު ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ: ހިލްމީ

ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުން ބޭރުގެ އެހީއަށް ބަރޯސާވެގެން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އޮތް ނިޒާމު ބަދަލުކުރެވި، އަމިއްލަ ބާރުވެރިކަމާ އެކު އެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންދާ މަންޒަރު ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް އެހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.
އެ މެސެޖުގައި ހިލްމީ ވިދާޅުވީ ސިފައިންގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ ދުވަހަކީ 1892 ވަނަ އަހަރު ސިފައިން އުފެދުނު ތާރީހުގައި ބަލައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށެވެ. މީގެކުރިން އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އައީ ޖޫން މަހުގެ ހަ ވަނަ ދުވަސް ނަމަވެސް 1992 ވަނަ އަހަރުން ފެށިގެން އެޕްރީލް މަހުގެ 21 ވަނަ ދުވަހަށް އަހަރީ ދުވަސް ބަދަލު ކުރެވިފައިވާ ކަމަށެވެ.
"ތާރީހުން އެނގޭ ގޮތުގައި 1892 ވަނަ އަހަރުގެ ކުރިން ވެސް ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް ޓަކައި ދިވެހި ސިފައިން މި ވަނީ މަތިވެރި ގުރުބާނީތަކެއް ވެފައި. އަދި މި ހަނގުރާމަތަކުގައި އެތަކެއް ބަޔަކު ވަނީ ޝަހީދުވެގެން ގޮސްފައި،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
ހިލްމީ ވިދާޅުވި ގޮތުގައި ދިވެހި ގައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އާއި ބޮޑު ކަމެއްގައި އެންމެ ކުރީ ސަފަށް ނިކުމެ ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފައި ވަނީ ސިފައިން ކަމުގަ އެވެ. ސިފައިންނަކީ ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެ ތިބެ، ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް 24 ގަޑިިއިރު ތައްޔާރަށް ތިބޭ ބައެއް ކަމުގައި ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ޔުނިފޯމް އަޅައިގެން މަސައްކަތް ކުރަމުން މި ގެންދަނީ އަޅުގަނޑުމެން އެކަން ގަބޫލުކޮށް، އަޅުގަނޑުމެންނަކީ އަބަދުވެސް 24 ގަޑިއިރު ހިދުމަތުގައި ދެމިތިބޭ، ދެމިތިބެން ޖެހޭ ބައެއްގެ ގޮތުގައި ގަބޫލުކޮށްގެން،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
މި ދައުރުގެ ތެރޭގައި ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ހިލްމީ ވިދާޅުވި އެވެ. ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާއިރު، މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމުގައި ފާހަގަކުރެއްވި އެވެ.
ހިލްމީ ވިދާޅުވީ އަސްކަރީ ގޮތުން ގާބިލު ބަޔަކަށް ވެވުމުން އެހެން ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި އަމިއްލަ ބާރުހުރި ބައެއްގެ ގޮތުގައި ސިފައިން ވެގެންދާނެ ކަމަށެވެ.
"ހަމައެއާއެކީގައި އަޅުގަނޑުމެން ކޮންމެ ކަމެއްގައި ވެސް ބޭރަށް ބަރޯސާވެގެން އަޅުގަނޑުމެން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި ކުރިން އޮތް ނިޒާމު ބަދަލުކުރެވި، އަޅުގަނޑުމެން އަމިއްލަ ބާރުވެރިކަމާ އެކީ އެ ސަރަހަައްދު ބެލެހެއްޓުމުގެ ގާބިލުކަން އަޅުގަނޑުމެންނަށް ލިބިގެންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދާނީ،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސިފައިންނަކީ ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެ ތިބެން ޖެހޭ ބައެއްގެ ގޮތުގައި ދެމިތިބުން ކަމަށާއި ދިމާވާ ކޮންމެ ކަމެއްގައި ގައުމަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ހިދުމަތުގައި ދެމިތިބޭ ބައެއްގެ ގޮތުގައި ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސްކުރައްވާފަ އެވެ.
