ކޯޓުން އަމުރުކުރިޔަސް ބަރަހަނާކޮށްގެން ފޮޓޯއެއް ނުނަގާނަން: ޕޮލިސް

ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ގާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫން ކަމަށާއި ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމްޕަލް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާއި މާޒު ސަލީމުގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށް ފުލުހުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއް ހޯދައި އެ ދެ މީހުންނަށް ނޯޓިސް ފޮނުވައިފަ އެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެން ކަމަށެވެ.
އެމީހެއްގެ ރުހުން ނުދޭކަމުގައިވާނަމަ އެކަން ކުރެވޭނީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި ފޮޓޯ އާއި އަޑުގެ ސާމްޕަލް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ތެރޭގައި ކަމަށް ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި، ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ސާމްޕަލް ނެގުން ހިމެނޭތީ، ހަށިގަނޑުގެ ބޭރުގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި، ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެކަމަށް އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށެވެ.
އާއްމުކޮށް ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖްއަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް
އަދި މިވަގުތު މީޑިއާގައި ސާމްޕަލް ނެގުމާ ގުޅޭގޮތުން ދައުރުވަމުންދާ ޕޮލިސް ޗިޓަކީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ހުށަހަޅައިގެން ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ޖިނާއީ ތަހުގީގަށް ބޭނުންވާ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއް ކަމަށް ބުންޏެވެ.
