ޚަބަރު

ޖޭއެސްސީގެ ތަހުގީގު ރިޕޯޓާ ގުޅިގެން އަޒްމިރަލްދާގެ ސިޓީއެއް ރައީސް މުއިއްޒުއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގު ކޮމިޓީން ހަގީގަތާ ހިލާފު ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް ބުނެ ސަސްޕެންޝަންގައި މިވަގުތު ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިޓީއެއް ފޮނުއްވަައިފި އެވެ.

Ads by STELCO

ސަސްޕެންޝަންގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީގެ ތަހުގީގު ޓީމުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އެއާ ގުޅޭ ރިޕޯޓްވެސް އެ ކޮމިޓީން އޮތީ އެކުލަވާލައިފައިވާ އިރު ދެ ބޭފުޅުންނަށް ވެސް މިހާރު ވަނީ ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފަ އެވެ.

އެ ރިޕޯޓްއާ ގުޅިގެން އަޒްމިރަލްދާގެ ވަކީލު މިރޭ ނެރުނު ބަޔާނުގައި ވިދާޅުވީ ޖޭއެސްސީގެ ތަހުގީގު ޓީމުން އެކުލަވާލީ ކަނޑައެޅިގެން ފެންނަން ހުރި ހަގީގަތްތައް އެއްފަރާތްކޮށް ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.

އެ މައްސަލަ ބެލި ކޮމިޓީގައި ތިއްބަވާ ތިން ބޭފުޅުންނަކީ ވެސް ރައީސް މުއިއްޒު އައްޔަނުކުރައްވާފައިވާ ދެ ބޭފުޅުންކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ ކޮމިޓީން ހަގީގަތާ ހިލާފަށް ރިޕޯޓެއް އެކުލަވާލިކަން ފާހަގަކޮށް އަޒްމިރަލްދާ އިއްޔެ ރައީސް މުއިއްޒުއަށް ސިޓީއެއް ފޮނުވާފައިވާކަން ބަޔާނުގައި ފާހަގަކުރި އެވެ.

އަޒްމިރަލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލަތަކުގެ ތެރޭގައި އޭނާގެ ފިރިކަލުންގެ ބަންދުގެ މައްސަލައެއްގައި ދަށު ކޯޓުގެ ގާޒީއަކަށް ގުޅައި ނުފޫޒް ފޯރުވިކަމަށް ބުނާ މައްސަލަ ހިމެނެ އެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި މައްސަލަ ބަލާ ކޮމިޓީން އެކި ފަހަރު ނެރުނު ރިޕޯޓްގައި އެކި ގޮތަށް ބުނެފައިވާކަން އަޒްމިރަލްދާގެ ވަކީލުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެގޮތުން މާޗު މަހު ތައްޔާރުކުރި ރިޕޯޯޓްގައި އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު ގުޅިގެން ކްރިމިނަލް ކޯޓުގެ ފަޑިޔާރަކަށް ނުފޫޒު ފޯރުވިކަމަށް ބުނި ނަމަވެސް ފަހުން އެކުލަވާލި ރިޕޯޓްގައި ބުނެފައި އޮތީ ތަފާތުކޮށްކަމަށް ވެސް އަޒްމިރަލްދާގެ ވަކީލުގެ ބަޔާނުގައި ފާހަގަކުރި އެވެ.

އެ ގޮތުން ފަހުން ނެރުނު ރިޕޯޓްގައި އޮތީ އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒް ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު މެދުވެރިކޮށް އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާމެދު ގޮތެއް ކަނޑައެޅި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒް ފޯރުވި ކަމަށް އަޒްމިރަލްދާގެ ވަކީލުގެ ބަޔާނުގައި ފާހަގަކުރި އެވެ.

އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކެވިއިރު އަޒްމިރަލްދާ އިން މައްސަލަ ވެސް ޖޭއެސްސީން ބެލި އެވެ.

އޭގެ އިތުރުން ޖޭއެސްސީން އަޒްމިރަލްދާގެ ތަހުގީގު ހިނގާ ގޮތާ ގުޅޭ އޭނާގެ ވަކީލު މެދުވެރިކޮށް ބަޔާން ނެރުއްވާ މައްސަލަވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލި އެވެ.

Ads by Allied Insurance