ޚަބަރު

ޝުޖާއު ވިދާޅުވީ ޔާމީން ރިޔާސީ ޓިކެޓު އެއް މިލިއަން ޑޮލަރަށް ވިއްކާލީ ކަމަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމުއާއެކު، އިބްރާހީމް ޝުޖާއު - ފޮޓޯ: ދެން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮތް ދޫކުރެއްވީ ރިޔާސީ ޓިކެޓު އެއް މިލިއަން ޑޮލަރަށް ވިއްކާލުމަށް ފަހު ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޕީއެންސީގެ ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވާ ޝުޖާއު ވަރަށް ބޮޑަށް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޔާމީނަށް އެރުވި ނަމަވެސް އެމަނިކުފާނަށް ވާދަނުކުރެވުނީ އޭރު އޮތް ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

ޝުޖާއު މިރޭ ވިދާޅުވީ އޭރު ޖަލުގަައި ހުންނަވަމުން ފަހު ވަގުތު ވެސް ޔާމީން ބެއްލެވީ ޕީޕީއެމް/ޕީއެންސީއަށް ވާދަނުކުރެވޭނެ ހުރިހާ ގޮތެއް ކަމަށެވެ. އެއަށް ފަހުގައި ރިޔާސީ ޓިކެޓު ވިއްކާލީ ކަމަށް ވިދާޅުވި އެވެ.

"ދަންނަވަންތޯ ޖަލުގައި އިންނަވާފައި ޓިކެޓު ވިއްކާލީ އެއް މިލިއަން ޑޮލަރަށް. ރައީސް މުއިއްޒަށް މި ޕާޓީ ގެނެވުނީ އާދައިގެ މަސައްކަތަކުން ނޫން. ރައީސް ޔާމީން ހިތު ލޯބިން ކުރި ކަމެއް ނޫން އެއީކީ،" ޔާމީންގެ ވެރިކަމުގައި ވެސް އަދި މި ވެރިކަމުގައި ވެސް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު ޝުޖާއު ވިދާޅުވި އެވެ.

"ހުސް ގޮނޑިއަށް ބަދަލުވީ އަޅުގަނޑުމެންނާ ހުރެ އެއް ނޫން. އަމިއްލަފުޅަށް ކުރެއްވި ކަމަކާ ހުރެ ހުސް ގޮނޑިއަށް ބަދަލުވީ. ގޮނޑި ހިއްލާ ބެލިއިރު އޭގެ ދަށުގައި އޮތީ ޑޮލަރު ބަސްތާއެއް،" ޝުޖާއު ވިދާޅުވި އެވެ.

"ޓިކެޓު ވިއްކާލީ ކަން އެއީ އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ ބޮޑު ސިއްރެއް."

ޔާމީންގެ ވެރިކަން ނިމުނު ސަބަބަކީ އެމަނިކުފާނުގެ އަނބިކަނބަލުން ކަމަށް ވެސް ޝުޖާއު މިރޭ ވިދާޅުވި އެވެ. ޕާޓީ ހިންގުމުގެ ތެރޭގައާއި ސަރުކާރު ހިންގުމުގެ ތެރޭގައި ވެސް ފާތުމަތުގެ ނުފޫޒު މާ ގަދަ ކަމަށާއި 'މުޅި އޮޑީގައި ހަސަނުގެ ދެ ފައި' އޮންނަ ހެން ފާތުމަތުގެ ނުފޫޒު އޮތް ކަމަށް ވިދާޅުވި އެވެ.

"ރަށްރަށުގައި ތިބި އަޅުގަނޑުމެންގެ ޕީޕީއެމްގެ އާންމުން ވެސް ބުނަމުން ދިޔަ ޔާމީންގެ ވެރިކަން ނިމުނީ މެޑަމް ފާތުމާއާ ހުރެ ކަން. ދެން ރައީސް ޔާމީންގެ ލެގަސީ ހިފަހައްޓައިދިނީ އަޅުގަނޑުމެން. މި ޕާޓީގެ ލީޑާޝިޕުން. މުޅިން ބާކީވާން ދަނިކޮށް އަޅުގަނޑުމެންގެ މަސައްކަތުން ހިފެހެއްޓީ،" ޝުޖާ ވިދާޅުވި އެވެ.