ޚަބަރު

ލޯނު އަނބުރާ ދެއްކުމަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފި

. ، ދެން އޮންލައިން
ފިނޭންސުގެ އިމާރާތް / ފޮޓޯ:ދެން އިމޭޖްސް

ދައުލަތުގެ ބަޖެޓުން މިއަހަރުގެ އޭޕްރީލް 17 އޭޕްރީލްގެ ނިޔަލަށް ހޭދަކުރި 12.7 ބިލިއަން ރުފިޔާގެ ތެރެއިން 2.5 ބިލިއަން ރުފިޔާ އަކީ ލޯނުތައް ދެއްކުމަށް ހޭދަކުރި ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by MPL

ފިނޭންސުން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، 17 އޭޕްރީލްގެ ނިޔަލަށް ދަރަނި އަދާކުރުމަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެގޮތުން، ލޯނު އަނބުރާ ދެއްކުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން މިހާތަނަށް ކުރި ހޭދަވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 175.9 އިންސައްތަ އިތުރުވެފަ އެވެ.

މި އަހަރު ލޯނު ދެއްކުމަށް ހިނގި ހަރަދުތަކުގެ ތެރޭގައި މިއަހަރުގެ މާރިޗު މަހު ކާގިލް ފައިނޭންޝަލް ސާވިސަސްއަށް ދައުލަތުން ދައްކާފައިވާ 100 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރުމުގެ މި މުއްދަތާ އަޅައިބަލާއިރު ދައުލަތުގެ ޖުމުލަ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު ވަނީ 25.3 އިންސައްތައިން ދަށްކުރެވިފަ އެވެ. އެ

ގޮތުން 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން، 17 އެޕްރީލްގެ ނިޔަލަށް ހިނގާފައިވަނީ 19.3 އިންސައްތަ ކަމަށް ފިނޭންސުން ބުންޏެވެ. މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދުގެ 92.2 އިންސައްތަ ރިކަރަންޓް ހަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާއިރު، 7.8 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.

މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް، މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 29.3 އިންސައްތަ، 17 އެޕްރީލް 2025ގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފަ އެވެ.
އެގޮތުން، މިހާތަނަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާއިރު، ޓެކްސް ނޫން އާމްދަނީގެ ޙިއްސާއަކީ 22.3 އިންސައްތަ އެވެ. އެގޮތުން، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ މިވަނީ 5.4 އިންސައްތައިން އިތުރުވެފަ އެވެ.

އާމްދަނީގެ ވަކިވަކި ބައިތަކުގެ ތެރެއިން، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މިވަނީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 6.7 އިންސައްތައިން އިތުރުވެ ފައެވެ. އެގޮތުން، ޓިޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ 8.0 އިންސައްތައިން އިތުރުވެފައިވާއިރު، ޖީޖީއެސްޓީގެ އާމްދަނީ ވަނީ 3.4 އިންސައްތައިން އިތުރުވެފަ އެވެ.

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެއާޕޯޓު ޓެކުހާއި ފީގެ ރޭޓުތައް ބޮޑުކޮށްފައިވުމުގެ ސަބަބުންނާއި ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުމާއެކު ޑިޕާޗާ ޓެކުހާއި އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީވެސް މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވެފަ އެވެ.

އާމްދަނީން ނަގާ ޓެކުހުގެ ތެރެއިން ވިޔަފާރި އާމްދަނީން ނަގާ ޓެކުހާއި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް އިތުރުވެފައިވީ ނަމަވެސް، ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ތެރޭގައި އެޑްވާންސްކޮށް ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 426.0 މިލިއަން ރުފިޔާ ބަލައިގަނެ ޖުމުލަ 946.9 މިލިއަން ރުފިޔާ އެހެނިހެން ބިޒްނަސް އަދި ޕްރޮޕަރޓީ ޓެކްސްގެ ގޮތުގައި ލިބިފައިވާތީ، މިއަހަރުގެ މިހާތަނަށް މި ދާއިރާއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ދަށެވެ.

މި އަހަރުގެ އޭޕްރީލް 17 ގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ޢަދަދުގެ 32.7 އިންސައްތަ އެވެ.

Ads by Ooredoo