އިންޑިއާގެ ކްރިކެޓް ޓީމަކާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރަން ކުރި މަސައްކަތް މަޑުޖެހިއްޖެ

އިންޑިއާގެ އެންމެ ވަރުގަދަ އެއް ކްރިކެޓް ޓީމް، މުމްބާއީ އިންޑިއަންްސްއާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރަން ކުރި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު އެމްއެމްޕީއާރުސީން ބުނީ މުމްބާއީ އިންޑިއަންސްގެ ކުޅުންތެރިންނާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ޓޫރިޒަމް ކެމްޕޭންއަށް ފަށަން ނިންމާފައިވާ ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކެމްޕޭންއާ ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓަރު ތޯރިގު ވިދާޅުވީ އެ ޕާޓްނާޝިޕް ހަދަން ކުރި މަސައްކަތްްތައް މި ވަގުތު އޮތީ މަޑުޖެހިފައި ކަމަށެވެ.
"އަޅުގަނޑުމެން އެ ބޭފުޅުންނާއެކު ފައިނޭންޝިއަލް ޓާމްސްގަ ވާހަކަ ދައްކާފަ އެ ބޭފުޅުން އިތުރަށް ނެގޯޝިއޭޓް ކުރަން ބޭނުންވާތީ މި ވަގުތު މަޑު ޖެހިފައި އޮތީ" މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް އިންޑިއާގެ އެހެން ފަރާތްތަކާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް މަޑުނުޖެހި ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން އިންޑިއާގެ އެންމެ ކުރިއަރާފައިވާ ފިލްމީ ތަރިންނާއެކު ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އިންޑިއާގެ އުތުރުގައި ވެސް ރާއްޖެ އިޝްތިހާރުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ހަަމަ ވަރަށް ގަދައަށް ރާއްޖެ އިޝްތިހާރު ކުރެވިގެންދާނެ [އިންޑިއާގެ] ހުރިހާ ތާކުވެސް" މިނިސްޓަރު ވިދާޅުވި އެވެ.
ކުރިން އިންޑިއާގެ މާކެޓްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ވަރުގަދަ މާކެޓް ނަމަވެސް މި ސަރުކާރުން ވެރިކަމަށްް އައި ފަހުން ވަނީ އެ މާކެޓް ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
