ޚަބަރު

އަންހެން ޒުވާނާ ވެއްޓުނު މައްސަލަ: މާންދޫގެ ދެކުނުގެއާއި ކަށިވެލިގެ ބަލައިފާސްކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފުލުހުންގެ އޮފިސަރަކު މާލޭ މަގުމަތީގައި ހަރަކާތްތެރިވަނީ/ ފޮޓޯ: ޕޮލިސް

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި މާންދޫގެ ދެކުނުގެއާއި ކަށިވެލިގެ ފުލުހުން ބަލައިފާސްކޮށްފި އެވެ.

Ads by STELCO

މީގެ ތެރޭގައި ހިމެނޭ މާންދޫގެ ދެކުނުގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އޭނާގެ އެއްބަނޑު އެއްބަފާ ތިން މީހެއް ހިމެނޭ ގޮތަށް މުޅި އެ އާއިލާގެ ގެ އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި މާންދޫގެ ދެކުނުގޭގެ ޓެރެސްއާއި އެ ގޭގެ ދެވަނަ ފަންގިފިލާ، އަދި ހަތަރުވަނަ ފަންގިފިލާ ވަނީ ބަލައިފާސްކޮށްފަ އެވެ. ކަށިވެލިގެއިން ބަލައިފާސްކުރީ ތިންވަނަ ފަންގިފިލާގަ އެވެ.

މި މައްސަލާގައި ވެއްޓުނު އަންހެން ޒުވާނާ ބުރާސްފަތި ދުވަހުގެ ރޭ މާންދޫގެ ދެކުނުގޭގައި އޮތް ޕާޓީއަކަށް ދެ އެވެ. އެ ޕާޓީގައި އޭނާއާއެކު އުޅުނު އަށް މީހެއްގެ ފާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. އެއީ ދެ އަންހެނުންނާއި ހަ ފިރިހެނުންނެވެ.

މާންދޫގެ ދެކުނު ގެއިން ފަތިހު ހަތަރެއް ވެސް ޖެހިފަހުން ނުކުމެގެން ކަށިވިލާގެއަށް ގޮސް ފަހުން އަންހެން ކުއްޖާ ވެއްޓުނު އިމާރާތަށް ދަނީ ރައުދު އަހުމަދު ޒިލާލާ އެކުގަ އެވެ. ފުލުހުން މިހާރު ވަނީ ރައުދު ހައްުޔަރުކޮށްފަ އެވެ.

އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ ވަނީ އިހުތިޖާޖުކޮށްފަ އެވެ.

ފުލުހުންނަށް ނުފޫޒު ފޯރަން އެއްވެސް ކަމެއް ނުކުރާ ކަމަށާއި ޒުވާނުންގެ ހަރަކާތް ހިނގީ އެ ގޭގެ އަމީން ދިރިއުޅޭ އެޕާޓްމަންޓުން ބޭރުގައި ކަމަށް އަމީން ރޭ ވިދާޅުވެފައިވެ އެވެ.

Ads by Ooredoo