ދައުރުގެ މިހާތަނަށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.4 ބިލިއަނަށް ވުރެ އިތުރު: ސީޕީ

މި ދައުރުގެ މިހާތަނަށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޕޮލިސް ކޮމިޝަނަރު އެހެން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މި ދައުރުގެ މިހާތަނަށް 9،000 އަށް ވުރެ ބަނގުރަލާއި 698 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެ ތަކެތީގެ މަގުމަތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނާއި އެކި ކަހަލަ ބޮޑެތި ކުށްތައް ކުރާ ގުރޫޕުތައް އުފެދި އެ ގުރޫޕުތަކަށް ކުޑަކުދިން ވައްދައި، އެ ގުރޫޕުތަކުގެ އިސް މީހުންނަށް މަންފާވާ ގޮތަށް ކުޑަކުދިން ބޭނުންކޮށްގެން މުއްސަނދިވެފައިވާ ގުރޫޕުތައް އުޅޭ ކަމުގައި ފާހަގަކުރެއްވި އެވެ. އެފަދަ ގުރޫޕުތަކުގެ ލީޑަރުންގެ މައްސަލަތައް ތަހުގީގުކޮށް ހައްލުކުރުމަށް މި ދައުރުގައި ފުލުހުންގެ މަސައްކަތްތައް ތަރުތީބު ކުރެވިގެންދާއިރު، މައްސަލަތަކަށް ހައްލު ގެނައުމަށް ތަފާތު ކަމަކަށް މަސައްކަތެއް ފެށިފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ކުށްކުރާ ނެޓުވޯކުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިފައިވާ މުއްސަނދިކަމަކީ ކިހިނެއް ލިބުނު މުއްސަނދި ކަމެއްތޯ ބަލައި އެފަދަ މީހުންނަށް އަމާޒުކޮށް ފައިނޭންޝިއަލް އިންވެސްޓިގޭޝަންތަކެއް ފެށިފައިވާ ކަމުގަ އެވެ. މި މަސައްކަތުގެ ތެރެއިން، ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ނެޓްވޯކަކުން 112 މީހަކު ހޯދައި 121 މައްސަލައެއް ތަހުގީގުކޮށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމުގަ އެވެ.
"މި ނެޓްވޯކުގެ ބޮޑުންގެ ގޮތުގައި ބެލެވުނު ދެ މީހުންގެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި، މި ދެ މީހުން ކުށްކޮށްގެން ހޯދި ފައިސާތައް ހަރަދުކޮށްގެން ގަނެފައިވާ އަގުބޮޑު މުދާތައް ދައުލަތަށް ނަގައިދުނުމަށް ވަނީ އެދިފައި. މި ދެ މީހުންގެ އެކައުންޓުގައި 60 މިލިއަން ރުފިޔާ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުރު ކޮށްފައިވޭ،'' ޝުޖާއު ވިދާޅުވި އެވެ.
އޭގެ އިތުރުން މާލެއަށް ނިސްބަތްވާ ގުރޫޕެއްގެ ފައިނޭންޝިއަލް ތަހުގީގު ނިމި ނެޓްވޯކުގައި އުޅޭ މީހުން ދިރިއުޅޭ ތަންތަން ބަލަން ފަށާފައިވާ ކަމަށާއި ޖުމްލަ 11 މީހުން އެކުލެވޭ މި ނެޓްވޯކުގެ 64 މިލިއަން ރުފިޔާ ދައުރުކުރި ގޮތް ތަހުގީގުކޮށް، އެ ފައިސާތަކަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާތަކެއް ކަމަށް ތަހުގީގަށް ދެނެގަނެވިފައިވާކަން ފާހަގަކުރެއްވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު އިތުރަށް ވިދާޅުވީ ރާއްޖޭގައި ސްކޭމާއި ސައިބަގެ މައްސަލަތައް އިތުރުވަމުންދާތީ އެ މައްސަލަތައް ބަލާނެ ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖެއަކީ ކުށް މަދު އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް މިފަދަ ކިތަންމެ ކަމެއް ކުރެވިފައިވާ ކަމަށެވެ. އަދި 24 ގަޑިއިރު ހިދުމަތްދެވޭ ގޮތަށް ސްކޭމް ސެންޓަރެއް ގާއިމުކޮށް މަސައްކަތް ކުރެވެމުންދާ ކަމަށާއި ސައިބަ އޮޕަރޭޝަން ސެންޓަރަކާއި ސައިބަ ކްރައިމް އިންވެސްޓިގޭޝަނަށް ހާއްސަ ތަނެއް އުފައްދައި ހިދުމަތް ފެށިފައިވާ ކަމަށެވެ.
ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ގާއިމުވެފައިވާ ފަދަ ފުލުހުންގެ ހިދުމަތަކަށް ދިވެހި ފުލުހުންގެ ހިދުމަތް ހެދޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. އެގޮތުން ޒަމާނީ ތައުލީމާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފުލުހުންގެ ތަރައްގީ ކުރަމުން އަންނަ ކަމަށެވެ. ފުލުހުންގެ ހިދުމަތް ޕްރޮފެޝަނަލް ހިދުމަތަކަށް ހެދުމުގެ ގޮތުން، ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ނަހަދާ ތިބި 1،000 އަށް ވުރެ ގިނަ ރެކްރޫޓުންގެ ތެރެއިން 748 ރެކްރޫޓުން ތަމްރީނުކޮށް، 1،013 ފުލުހުން އެެ ފުލުހުންނާ ގުޅޭ ދާއިރާތަކުން ތަމްރީނުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 113 ފުލުހުންނަކީ ރާއްޖެއިން ބޭރުން ތަމްރީނު ހާސިލުކުރި ފުލުހުން ކަމުގައި ފާހަގަކުރެއްވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ފުލުހުން އެއްވެސް ފަސްޖެހުމެއްނެތި ވާނެ ކަމަށް އާންމުންނާއި މުޅި ގައުމު ހެކިވާނެ ކަމުގަ އެވެ. ފުލުހުންގެ ހިދުމަތަކީ އާންމުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް އަދިވެސް ވަރަށް ގިނަ ކަންކަން ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމުގަ އެވެ. އަދި ފުލުހުންނާއި އާންމުންނާ އޮންނަ ގުޅުން މިހާރަށް ވުރެ ބޮޑަށް ހަރުދަނާކުރަން ޖެހޭ ކަމަށާއި ހުށަހެޅޭ މައްސަލަތައް މިހާރަށް ވުރެ އަވަހަށް ނިންމަން މަސައްކަތް ކުރަން ޖެހޭ ކަމުގައި ފާހަގަކުރެއްވި އެވެ. މި ކަންކަން ހައްލުކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އަނިޔާވެރިވާނެ ހިދުމަތެއް ނޫން. ވަކިވަކި ފުލުހުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމަކީ މުޅި ހިދުމަތް ރަމްޒުކޮށްދޭ ކަންކަމަށް ނުހެއްދެވުން އެދެން،'' ޝުޖާއު ވިދާޅުވި އެވެ.
އާންމުންނަށް ހިދުމަތްކުރުން ނޫން އެހެން އެއްވެސް މަގުސަދެއްގައި ފުލުހުން މަސައްކަތް ނުކުރާނެ ކަމަށާއި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރުގެ ވާހަކައިގައި ވަނީ ދެއްވާފަ އެވެ.
