ޚަބަރު

ޖޭއެސްސީން ވަކީލު އަލީ ވަކިކުރަން ޕެޓިޝަނެއްގައި ވަކީލުން ސޮއިކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވަކީލުން ތަމްސީލްކުރާ މެންބަރު ވަކީލު އަލީ އަބްދުއްލަތީފު ވަކިކުރުމަށް ވަކީލުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

Ads by STELCO

ވަކީލުން ތިބޭ ޓެލެގްރާމް ގްރޫޕަކަށް މި ޕެޓިޝަން ފޮނުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައި ވަނިކޮށް މާޗު 4ގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދެވެ.

އޭނާ ވަކިކުރަން ބާކައުންސިލަށް ހުށަހަޅާ ޕެޓިޝަންގައި ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ ސަސްޕެންޑްކޮށް ސުލޫކީ މައްސަލަ ބަލާ ކޮމިޓީން އިޖުރާއަތްތަކާ ހިލާފަށް މައްސަލައިގެ ތަހުގީގު ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ތަހުގީގު ކޮމިޓީއަށް ފެންނަނީ މަހާޒާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން ކަމަށް ކޮމިޓީގެ ފަހު ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ. އެ ކޮމިޓީގައި ވަކީލު އަލީ އިންނަވަ އެވެ.

ޕެޓިޝަންގައިވާ ގޮތުން އެއީ ގާނޫނުއަސާސީގެ 165 ވަނަ މާއްދާއާއި ގާނޫނީ ފަންނުގެ ގާނޫނުގެ 7ވަނަ މާއްދާގައި ޖޭއެސްސީގައި ވަކީލުން ތަމްސީލްކުރާ މެންބަރު ވަކިކުރުމަށް އޮންނަ އިޖުރާއަތްތައް ހިންގުމަށް ހުށަހަޅާ ޕެޓިޝަނެކެވެ.

ގާނޫނުއަސާސީގެ 165 ވަނަ މާއްދާގައި ބުނަނީ ޖޭއެސްސީއަށް އައްޔަންކުރާ މެންބަރަކު ވަކިވާނީ އައްޔަންކުރި ހައިިސިއްޔަތު ގެއްލުމުން ނުވަތަ އައްޔަންކުރި ފަރާތް އޭނާ ވަކިކުރުމަށް ކަނޑައެޅުމުން ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 7ވަނަ މާއްދާގައި ބުނަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އުސޫލުގެ ތެރެއިން ވަކީލުންގެ ފަރާތުން އައްޔަންކުރާ މެންބަރު ވަކިކުރުމަށް ހިންގަން ޖެހޭ އިޖުރާއަތެވެ.

އެ ގޮތުން ވަކީލުންގެ 20 ޕަސެންޓް ސޮއިކޮށް ބާ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅަން ޖެހެ އެވެ. ޕެޓިޝަން ހުށަހަޅާ 14 ދުވަހުގެ ތެރޭގައި ޖޭއެސްސީގައި އިންނަ ވަކީލަށް އިތުބާރު އޮތްތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ބާ ކައުންސިލުން އިންތިޒާމުކޮށް ވަކީލުންގެ މެދުގައި ނަގަން ޖެހޭނެ އެވެ.

ސުއޫދު، އަޒްމިރަލްދާ، އަދި މަހާޒު ސަސްޕެންޑްކުރީ ފެބްރުއަރީ 26ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ އާ ހާލަތްތަކަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަންވެފައި ވަނިކޮށެވެ.

އދ. ގައި އޮންނަ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ވަކާލާތު ކުރާ އިދާރާގެ ރެޕިއުޓާ އަދި ހިއުމަން ރައިޓްސް ވޮޗުން ވެސް ވަނީ ފަނޑިޔާރުން ސަސްޕެންޑްކުރުމުން އެ މައްސަލަ ބެލުމުގެ މިނިވަންކަމަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ ބަޔާން ނެރެފަ އެވެ.

Ads by HDC