ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރުފަޅުން 101 ހެކްޓަރުގެ ބިން ހިއްކައިފި

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ، ރަސްމާލެ މަޝްރޫއުގެ ދަށުން 101 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފި އެވެ.
ރަސްމާލެ ހިއްކަން ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ސަރުކާރުން ޕްލޭންކޮށްފައި އޮތީ ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށެވެ.
އެ މަސައްކަތް ކުރަމުންދާ އެޗްޑީސީ ކުންފުނިން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން މި މަހުގެ 13އިގެ ނިޔަލަށް 101 ހެކްޓަރުގެ ހިއްކައި ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިއްކި ސައިޓު ޖޭގެ 29 ހެކްޓަރުގެ ބިމާއި، މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޑެޑާ ހަވާލުކުރި ސައިޓްތަކުގެ ތެރެއިން ހިއްކި 72 ހެކްޓަރުގެ ބިމެވެ. މިހާރު ހިއްކިފައިވާ 101 ހެކްޓަރުގެ ބިމަކީ، ހުޅުމާލޭ އެއްވަނަ ފިޔަވަހީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެކެވެ.
ބިން ހިއްކުމުގެ މަޝްރޫއުއާއެކު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރ އުސްމިނަށެވެ. މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެކެވެ. މި ރަށުގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ގިނަ އާބާދީއެއް ގާއިމްކުރެވިގެންދާނެ އެވެ.
އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން މިއީ ބިމުގެ ބޮޑު މިނަށް ބަލާނަމަ ހުޅުމާލެ ފޭސް 2 ހިމެނޭހެން، މިއަދު މިއޮތް ހުޅުމާލޭގެ ތިންގުނަ ބޮޑު ސިޓީއެކެވެ. މި މަޝްރޫއު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.
ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރެވިގެންދާނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައް ވެސް ހިމަނައިގެންނެވެ.