ގަލޮޅު ސިޓީ ޕާކުގެ ފޭސް 2 ގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަނީ

ގަލޮޅު ސިޓީ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފޭސް 2 ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ބީލަމަށް އިއްޔެ ހުޅުވައިލައިފިއެވެ.
މާލޭ ސިޓީ ކައުންސިލްއިން ބުނީ އެ މަސައްކަތަށް ޝައުުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ، ސިޓީ ކައުންސިލްގެ އިދާރާއަށް އައުމުން ލިބޭނެ ކަމަށެވެ. އަދި ހަމަ އެ ތަނުގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު އޮންނާނެ ކަމަށް ވެސް ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް ކުރިއަށް ގެންދާނީ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާޔާއެކު ކަމަށެވެ. އަދި އެ ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ދުވާ ޓްރެކަކާއި ބެޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަ ކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އައުޓްޑޯ ޖިމެއް ވެސް ހަދާނެ ކަމަށް ބުންެވެ.
ގިނަ އަހަރު ތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކުގައި، އިވެންޓްތައް ބޭއްވުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްވީ މީހުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށްވަނީ ހަމަޖެހިފައެވެ.
ގަލޮޅު ސިޓީ ފާރކް ތަރައްގީ ކުރުމުގެ މަސައްކަތަކީ، މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދުމަށް އެ ކައުންސިލްއިން ކުރިއަށް ގެންދާ ގިނަ ގުނަ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތެކެެވެ.
