ކިޔެވުމުން ފެއިލްވުމުން ދަރިފުޅު ބާކީކުރި ބައްޕަގެ ލޯ ހުޅުވާލެވުނީ ދަރިފުޅު ފޮނުވި ސިޓީގެ ސަބަބުން
ދަރީންގެ ތަރުބިއްޔަތަކީ ބޮޑު،ފުޅާ މައުޟޫއެކެވެ. އެއީ ހިކުމަތްތެރިކަމާއި ކެތްތެރިކަން އިސްކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ބައެއް ބެލެނިވެރީންނަކީ ދަރިފުޅުގެ ފަރާތުން ވިޔާނުދާ ޢަމަލެއް ފެންނައިރަށް އެކުދިންނާ ދިމާއަށް ހަޅޭއްލަވައި ގަންނަ ބައެކެވެ. އަނެއްބައި ބެލެނިވެރީން ދަރިފުޅު ކިޔެވުމަށް ފަރުވާ ކުޑަވެ ނުވަތަ އެހެން ވެސް މައިންބަފައިން ބޭނުންވާ އަމާޒެއް ހާސިލް ނުވެއްޖެނަމަ އެކުއްޖާ ބާކީ ކޮށްލައެވެ، އެކުއްޖާގެ ފަރާތުން ދެން ހެޔޮ އެއްވެސް ކަމެއް ނުލިބޭނެ ކަމަށް ވިސްނައެވެ.
މި ވާހަކައަކީ އެފަދަ ވާހަކައެކެވެ. ދަރިފުޅު ކިޔެވުމުން ފެއިލްވުމުން ދެން އެކުއްޖާގެ ފަރާތުން ހެވެއް ނުލިބޭނެ ކަމަށް އުއްމީދު ކުރި ބައްޕައެއްގެ ވާހަކައެކެވެ. އެ ބައްޕަގެ ލޯ ހުޅުވާލަދިނީ ދަރިފުޅުގެ ސިޓީއަކުންނެވެ،
ދަރިފުޅުގެ ކޮޓަރީގެ ދޮރު ހުރަސްކޮށް ދެތިން ފިޔަވަޅު އަޅާލުމަށްފަހު ދެވަނަ ފަހަރަށް އެ ކޮޓަރި ބަލާލުމުގެ ޝައުގުވެރިކަން ބައްޕަގެ ހިތުގައި އުފެދުނެވެ. އެހެންޏާ ނުފެންނަ ފަދަ މަންޒަރެއް ފެނުނުހެން ހީވިީމައެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާ އެކު ބައްޕަގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރެއް ފެންނަން ފެށިއެވެ. ދުވަހަކު ސާފު ނުކުރާ ކޮޓަރި މިއަދު ހުރީ ސާފުކޮށްފައެވެ. އެނދުގެ ބެޑްޝީޓް އަޅާ ބާލިސް ތައް ވެސް ހުރީ ރީތިކޮށް ބަހައްޓާފައެވެ. ކުނިކަހާފައި އޮތުމުން ތަޅުންގަނޑު ވެސް އޮފް އަރަމުން ދިޔައެވެ. ބައްޕަ އެ ހައިރާންކަން މަތީ ހުރެ ކޮޓަރި ތެރެއަށް ވަނެވެ. އެވަގުތު މޭޒުމަތީގައި އޮތް ހުދު ކުލައިގެ ސިޓީ އުރައެއް ލޮލުގައި އަޅައިގަތެވެ. ސިޓީއުރައިގެ ބޭރުގައި ބައްޕަ އަށް އެޑްރެސްކޮށްފައި އޮތުމުން ސިޓީ ކިޔާލުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުނެވެ. އެހެންނަމަވެސް ހިތުގައި އިންތިހާ ދަރަޖައިގެ ނުތަނަވަސްކަން ވިއެވެ. އަތް ތުރުތުރު އަޅަމުންދާ ހާލުގައި ސިޓީއުރަ ކަނޑާލުމަށް ފަހު ކިޔަން ފެށިއެވެ.
" ލޯބިވާ ބައްޕަ އަށް.
އަހަރެން މި ސިޓީ މި ލިޔަނީ ކުރެވެމުންދާ ކަންކަމާއި މެދު ދެރަވެ ހިތާމަ ކުރާ ހާލުގައެވެ. އެހެން ނަމަވެސް އެކަންކަން ބަދަލުކުރާކަށް އަހަރެން ނުވިސްނަމެވެ. ބައްޕާ އެވެ. އަހަރެން ވަރަށް ލޯބިވާ ކުއްޖަކާ ދިމާވެއްޖެއެވެ. އަދި ދިރިއުޅުމުގެ ކުރިއަށް އޮތް ދުވަސްތައް އަހަރެންގެ ލޯބިވެރިޔާ އެލީނާ އާއި އެކު އުޅުމަށް ނިންމައިފީމެވެ. އުޅެ ބޮޑުވި ގެ އާއި ލޯބިވާ މައިންބަފައިން ދޫކޮށް އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދާން އަހަރެން ތައްޔާރެވެ. ބައްޕަ އާއި މަންމަ ކޮށްދިން ހުރިހާ ކަމަކަށް ޝުކުރުވެރި ވަމެވެ. އަދި އެލީނާ ދެކެ ވާ ލޯބީގެ ހައްޤު ގައި މިވަގުތު އޮތް އެންމެ ރަނގަޅު ހަައްލަކީ މިއީ ކަމުގައި އަހަރެން ޤަބޫލު ކުރަމެވެ.
އެލީނާ އާއި ދިމާވި ފަހުން އަހަންނަށް ހަޤީޤީ ލޯބި ދަސް ވެއްޖެއެވެ. އެލީނާ އެއީ ހަމަ ޖަވާހިރެކެވެ. މުޅި ދުނިޔެ ހޯދާ ބެލިޔަސް އެ އަށްވުރެ ރަނަގަޅު ކުއްޖަކު ނުފެންނާނެކަން ގައިމެވެ. ނަމަވެސް ބައްޕަ އެލީނާ އާއި އަހަރެންގެ ގުޅުމަށް އެއްބަސް ނުވާނެކަން އަހަންނަށް އެނގެއެވެ. ސަބަބަކީ ކަންފަތުގައި ލާފައިވާ މުދި ތަކާއި ކަރުގައި އަޅާފައިވާ ފަށްތަކާއި ޗޭންތަކުގެ އިތުރުން މުޅި ގައިގައި ވާ ޓެޓޫ ތަކެވެ. ބައްޕަ އަށްް މިއީ ރީތި ކަމަކަށް ނުވާނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް އެއީ އެލީނާ ދެކެ އަހަރެން ލޯބިވާ މައިގަނޑު ސަބަބެވެ. އަދި ބައްޕަ އަށް އެނގޭ ހެއްޔެވެ؟ އެލީނާ އެއީ ބައްޕަ އާއި ދާދި އެއް އުމުރެއްގެ މީހެކެވެ. ނަމަވެސް އުމުރު އެއީ ލޯތްބަށް އޮތް ހުރަހެއް ކަމުގައި އަހަރެން ނުދެކެމެވެ.
ބައްޕާ އެވެ. އެލީނާ އަހަންނަށް ޚާއްޞަ ވަނީ އެއީ ހަމައެކަނި އަހަރެން ލޯބިވާ ކުއްޖާ އަށް ވީމަ ނޫނެވެ. ބައްޕަ އަށް އުފާވެރި ހަބަރެއް އެބައޮތެވެ. ބައްޕަ ކާފަ އަކަށް ވަނީއެވެ. އާނއެކެވެ ! އެލީނާ އެ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެ އެވެ. އަހަންނާއި އެކު ވަރަށް އުފާވެރި ހަޔާތެއް ދިރިއުޅޭނެ ކަމަށް އެލީނާ އަބަދުވެސް ބުނެއެެވެ. އެލީނާގެ ކުޑަ ޖިފުޓިގައި އަހަރެމެންނަށް ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ކަން ޔަޤީނެވެ. އަދި އަހަރެން ވަރަށް ގިނަ ދަރިން ވެސް ބޭނުމެވެ.
ބައްޕާއެވެ. އެލީނާ އަހަންނަށް ވިސްނައިދިން ގޮތުގައި މަސްތުވާތަކެތި ބޭނުންކުރުމަކީ ގޯސް ކަމެއް ނޫނެވެ. އެހެން ކަމުން އާމްދަނީ ހޯދުމަށްޓަކައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން އަހަރެމެން ވަނީ ނިންމާފައެވެ. ލިބޭ މުސާރައިން ބައްޕައައް ވެސް ފޮނުވާނަމެވެ. މީގެ އިތުރުން ރަނގަޅު އާމްދަނީ އެއް ލިބުމުން އެލީނާ އަށް ޖެހިފައިވާ ބަލި އެޗްއައިވީއަށް ވެސް ފަރުވާ ކުރެވިދާނެއެވެ. އެ ބައްޔަށް އަދި ފަރުވާ އެއް ހޯދިފައި ނުވި ނަމަވެސް އަވަސް މުސްތަގުބަލެއްގައި ހޯދޭނެ ކަމަށް އަހަރެން ޤަބޫލު ކުރަމެވެ. ބައްޕަ ކަންބޮޑު ނުވާށެވެ. އަހަރެންގެ އުމުރުން 15 އަހަރު ނަމަވެސް ޒިންމާދާރުކަމާ އެކު އުޅޭނަމެވެ. އަދި ކޮންމެވެސް ދުވަހަކުން ބައްޕައަށް ކާފަ ދަރިންނާއި ބައްދަލުކޮށް ދޭނަމެވެ
ބައްޕަ އާއި ބައްދަލުވާނޭ ދުވަހަކަށް އިންތިޒާރު ކުރަމެވެ. އަދި އަހަންނާއި އެލީނާ އަށް ހެޔޮ ދުޢާ ކޮށްދޭށެވެ.
ބައްޕަގެ ލޯބިވާ ދަރިފުޅު,
އަހްމަދު
ސިޓީ ކިޔައި ނިމުނު އިރު ބައްޕައަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. 15 އަހަރު ވަންދެން ލޯބިން ބަލާ ބޮޑު ކުރި ދަރިފުޅަށް މިވި ކިހިނެއް ހެއްޔެވެ . ތަރުބިއްޔަތުގައި އުނިވީ ކޮންކަމެއް ހެއްޔެވެ . ބައްޕަ އަށް ގިސްލާ ރޮވެން ފެށިއެވެ. އަތުން ދޫވެގެން ސިޓީ ވެއްޓިފައި އޮތެވެ. ކަރުނައިން ފުރިފައިވާ ލޮލަކުން އަނެއްކާވެސް ސިޓީ އަށް ބަލާލެވުނެވެ. އެވަގުތު ބައްޕަގެ ލޮލުގައި އަޅައިގަތީ ސިޓީގެ ތިރީގައި ލިޔެފައިވާ ލިޔުން ކޮޅެކެވެ. އޭގައި ލިޔެފައި އޮތެވެ.
"ބައްޕާއެވެ. މަތީގައި ލިޔެފައިވާ އެއްވެސް ވާހަކަ އަކީ ތެދު ވާހަކަތަކެއް ނޫނެވެ. ބައްޕަ ދެރަ ކުރެވުނީތި މައާފަށް އެދެމެވެ. ބައްޕާއެވެ. އަހަރެން ބައްޕައަށް އަންގައިދޭން ބޭނުންވަނީ އެންމެ ވާހަކަ އެކެވެ. މޭޒު ވަތްގަނޑުގައި އޮތް އަހަރެންގެ ރިޕޯޓް ފޯމުގައިވާ ފެއިލްއަށް ވުރެ މާ ބޮޑެތި ކަންތައްތައް ވެސް ދިމާވެދާނެ އެވެ. އެހެންކަމުން އެ ނަތީޖާ އިން އަހަރެންގެ ދިރިއުޅުން ކުރިއަށްދާނެ ގޮތް ނުނިންމާށެވެ. އަހަރެން މިހިރީ އެކުވެރި ޝިފާއުގެ ގޭގައެވެ. ބައްޕަގެ ރުޅި މައިތިރިވެ އަހަންނާއި ލޯބިން ވާހަކަ ދައްކަން ތައްޔާރު ވެވުނީމަ ގުޅާށެވެ. ބައްޕަ ދެކެ އަހަރެން އިންތިހާއަށް ލޯބި ވެއެވެ.