ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މީހާ 15 ދުވަހަށް ބަންދުކޮށްފި

މާލެ، އިރަމާމަގުގައި ހުންނަ ކެފޭއެއްގައި ހުރި ޑިސްޕްލޭ ރެކެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ ކެފޭއަށް ވަދެ، ބަހައްޓާފައި ހުރި ރެކެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ޝޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ އެ ދުވަހުގެ ހެނދުނު ކެފޭއަށް ފިރިހެނަކު ވަންނަ ތަނެވެ.
އޭނާ ކެފޭގެ ކައުންޓަރާ ދިމާލަށް ގޮސް، އެ ތަނުގައި އިން މީހަކާ ދިމާލަށް އެއްޗެހިތަކެއް ކިޔުމަށް ފަހުގައި ކާއެއްޗެހި އަޅާފައި ހުންނަ ރެކުގައި ފައިން ޖަހާ މަންޒަރު ފެނެ އެވެ. އެއާއެކު ރެކުގެ ބިއްލޫރިގަނޑު ތަޅައިގެންދެ އެވެ.
ރެކުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު އެ މީހާ ކެފޭއިން ނިކުމެގެންދާއިރު، ކައުންޓަރުގައި އިން މީހާ ވެސް އޭނާގެ ފަހަތުންދާ ތަން ފެނެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ކެފޭގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރީ މ. ސްޓާ، މުހައްމަދު ރަޒީނު (49އ) އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.