އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު އާމްދަނީ ހަތަރު ބިލިއަނަށް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ވިޔަފާރިތަކަށް ލިބުނު ކުރިއެރުމާ އެކު، ފުރަތަމަ ތިން މަސް ދުވަހު ޖުމްލަ އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފި އެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް އެސްޓީއޯގެ ވެބްސައިޓުގައި އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
އެ ކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 4.02 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 4.6 އިންސައްތައިގެ ކުރިއެރުމެކެވެ. އެ ކުއާޓަރުގައި ލިބިފައި ވަނީ 3.84 ބިލިއަން ރުފިޔާ އެވެ.
އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނީގެ އާމްދަނީއަށް އަސަރުކުރި ނަމަވެސް ކުންފުނީގެ ހިންގުމުގެ ދާއިރާ އާއި މާލީ ހާލަތު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. ތެލުގެ ވޮލިއުމް އިތުރުވެ، ޖެނެރަލް ޓްރޭޑިން އާއި ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ހެލްތްކެއާ ސޮލިއުޝަންސްގެ ވިޔަފާރީގެ ދާއިރާތަކުން ލިބޭ އާމްދަނީ ދެމެހެއްޓުމާއި ކުންފުނީގެ އޮޕަރޭޝަނަލް އަދި އިންވެސްޓްމަންޓްތަކަށް ބޭނުންވާނެ ފައިސާ ހަމަޖެއްސުމަށް އެކަށީގެންވާ ފަންޑު ބެހެއްޓުމާ އެކު އެކަށީގެންވާ މާލީ ނަތީޖާއެއް ހާސިލުކުރެވިފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ލިބުނު އާމްދަނީ އިތުރުވެފައިވާކަން ފާހަގަކުރި އެވެ. ކުރީ އަހަރާ އަޅާބަލާއިރު، އާމްދަނީ ދަށްވެފައި ވަނީ މައިގަނޑު ގޮތެއްގައި 2024 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި މަތިވެފައިވާ ބައިނަލްއަގުވާމީ ތެލުގެ އަގުތައް އާންމު ހާލަތަށް އައުމުގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ތެލުގެ ވިޔަފާރި ނޫން އެހެނިހެން ދާއިރާތަކުން ވެސް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމުގަ އެވެ. ހާއްސަކޮށް އާންމު ވިޔަފާރި އާއި އިމާރާތްކުރުމުގެ ދާއިރާ އަދި ސިއްހީ ހިދުމަތްތަކުގެ ހައްލުތަކުގެ ދާއިރާއިން ހަރުދަނާ ނަތީޖާތަކެއް ދައްކުވައިދީފައިވާ ކަމުގަ އެވެ. އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުގެ ކުރިއެރުމާއި އާމްދަނީއަށް އައި ބަދަލުތަކާ އެކު ވެސް، ކުންފުނީގެ މުޅި އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ތެލުގެ ވިޔަފާރިން ކަމުގަ އެވެ. އެކަމުން ކުންފުނީގެ މައިގަނޑު އާމްދަނީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ވިޔަފާރި ދެމިއޮތްކަން ހާމަވާކަން އެ ކުންފުނިން ފާހަގަކުރި އެވެ.
ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 583 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 617 މިލިއަން ރުފިޔާ އާ އަޅާބަލާއިރު ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައި ވަނީ މައިގަނޑު ގޮތެއްގައި އެ ކުންފުނިން ތެޔޮ ވިއްކާ އަގު ދަށްކުރިކުރުމުން ކަމަށް އެސްޓީއޯއިން ބުންޏެވެ. ނަމަވެސް މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވާ ކަމަށެވެ.
އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓަރުގައި ލިބުނު 300 މިލިއަން ރުފިޔާ އާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ހިންގުމުގެ ހަރަދުތައް ރަނގަޅަށް ބެލެހެއްޓިފައި ވިނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއި އާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައިވާ ކަމުގަ އެވެ.
ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 169 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 195 މިލިއަން ރުފިޔާ އާ އަޅާބަލާއިރު 13.5 އިންސައްތަ ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައި ވަނީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޝަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވާކަން އެސްޓީއޯއިން ފާހަގަކުރެ އެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން އަމާޒުކޮށްފައި ވަނީ ތެލުގެ ވިޔަފާރި އާއި ހޯލްސޭލް މާކެޓް ފުޅާކުރުމާ އަދި އާ މުދާ ތައާރަފުކޮށްގެން އާމްދަނީ އިތުރުކުރުމަށް ކަމަށެވެ. މުހިންމު އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ އެކު، ޑިޖިޓަލް ޕްލެޓްފޯމްތައް ހަރުދަނާވަމުންދާއިރު، ވަރުގަދަ އަސާސްތަކާއި ޒިންމާދާރު މާލީ މެނޭޖްމަންޓުގެ އެހީގައި ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުންފުނިން ކުރިއެރުމުގެ ދުވެލި އަލުން ހޯދުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
