ޚަބަރު

ސިޔާސީ މަގާމުތަކުގެ އަދަދު ގާނޫނަކުން ކަނޑައަޅަނީ

. ، ދެން އޮންލައިން
ރައީސް އޮފީހުގެ ޕްރެސްގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދާއި، އެ މުވައްޒަފުންނަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރާވަރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށް ގާނޫނެއް އެކުލަވާލަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ.

Ads by STELCO

ރައީސް އޮފީހުގައި މިއަދު ކުރިއަށްދާ ޕްރެސް ގައި ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތަފްސީލު ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ވިދާޅުވެދެއްވާފަ އެވެ.

އެގޮތުން ސަރުކާރުން 43 ބިލެއް އެކުލަވާލައި އޭގެ ތެރެއިން 40 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާކަން ރައީސް ހާމަކުރެއްވި އެވެ. އޭގެ ތެރެއިން 31 ބިލެއް ރައީސް ވަނީ ތަސްދީގުކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ގަސްދުކުރަނީ މި އަހަރުގެ ތެރޭގައި 30 ބިލެއް މަޖިލީހަށް ފޮނުވަން ކަމަށެވެ.

އޭގެ ތެރެއިން ގާނޫނު އަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުތައް ރައީސް ހިއްސާކުރެއްވި އެވެ.

އޭގެ ތެރެއިން އެއް އިސްލާހަކީ ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވޭނީ ގިނަވެގެން ކިހާ އަދަދެއްކަން ގާނޫނުގައި ބަޔާންކުރުމެވެ. އަދި އެންމެ ގިނަވެގެން ސިޔާސީ މަގާމުތަކަށް އައްޔަންކުރެވޭ އަދަދު، މަޖިލީހުން ކަނޑައަޅާ ގޮތަށް ގާނޫނު ބަދަލުކުރުންވެސް އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

އޭގެ އިތުރުން ގެންނަން ނިންމާފައިވާ އެއް އިސްލާހަކީ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ ތަފްސީލު މަޖިލީހާ ހިއްސާކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމެވެ.

"އެހެންވީމަ ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއަށް ސިޔާސީ މަގާމުތައް އައްޔަންކުރުން ވަކިކުރުންލާ ގޮތަށް" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ ޕްރެސްގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރެއްވުން ރައީސް ވިދާޅުވީ އެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށެވެ. ވަކި ދުވަހެއް ވިދާޅެއް ނުވެ އެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ މަގާމުތަކުގެ ތިބޭ މީހުންގެ މުސާރައަށް ދައުލަތުން މަހަކު 32 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ. އެއީ މުސާރަތަކަށް ސަރުކާރުންކުރާ ހަރަދުގެ އެންމެ 3 ޕަސެންޓްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ ޕާފޯމެންސް ބެލެނޭ އުސޫލެއްވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. ކޮންމެ 3 މަހުން އެއް މަހު ޕާފޯމްންސް ބެލުމަށް ފަހު މަސައްކަތްނުކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Ads by Allied Insurance