ޚަބަރު

ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ފަރުވާކުޑަނަމަ ފިޔަވަޅު އަޅަން އުސޫލު ހަދައިފިން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ ހިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ސިޔާސި މަގާމުތަކުގައި ތިބޭ މީހުން ފަރުވާކުޑަނަމަ ފިޔަވަޅު އަޅަން އުސޫލު ހަދައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅުތަކާ އެއްގޮތަސް 2100 އަށް ވުރެ ގިނަ މަޝްރޫއު ހިންގުމަށްޓަކައި ކަންކަން ބެލެހެއްޓުމުގެ ގޮތުން ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ސިޔާސީ މަގާމުތަކުގެ މައުލޫމާތު އެމަނިކުފާނުގެ އަތްޕުޅުގައި މިވަގުތު ނެތް ކަމަށާއި ނަމަވެސް އެ މައުލޫމާތު އެއްގޮތަކަށް ވެސް ހިފަހައްޓަން ބޭނުންނުވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވޯކް ފޯސްއެއް ގެންނަނީ ނަތީޖާ ނެރުމަށްޓަކައި ކަމަށާއި ނަތީޖާ ނެރުމަށް އެހީތެރިކަން ދިނުމަށްޓަކައި ކަމަށާއި އަދި ބޭކަރު ގޮތެއްގައި ބަޔަކު އައްޔަން ނުކުރާނެ ކަމަށެވެ.

"މިހާރު ވާނީ އުސޫލެއްވެސް ކަނޑައަޅާފައި އެޕްރައިޒަލް އުސޫލެއްވެސް ޕޮލިޓިކަލް މަގާމުތަކުގައި ތިބި މީހުންނަށް. އެ މީހުން އެޕްރައިޒަލް ކޮށްފައި 3 މަހުން އެއް މަހުން ބަލައި ފަރުވާކުޑަކުރާ މީހުން ވަކިކޮށް ފިޔަވަޅުތަކެއް އެޅޭ ގޮތަށް އަލަށް ތައާރަފްކުރި ކަމެއް ރާއްޖޭގައި، މީގެ ކުރިން އޮތްކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރެއްވުމަށް ފަހު ހަމަ ދޫކޮށްލައްވަނީ ނޫން ކަމަށެވެ.

". ކޮންމެ މިނިސްޓަރަކަށް އޮންނާނެ ރިޕޯޓް ހަދާފައި، މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވަން ޖެހޭނެ، ފަރުވާކުޑަކުރަންޏާ ދޫވެސް ކޮށްލާނަން" ރައީސް ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކަށް ބޮޑު ހަރަދެއް ކުރާ ކަމަށް ބުނާ ވާހަކަތަކަށް ވެސް ރައީސް މިއަދު ރައްދު ދެއްވި އެވެ.

އެގޮތުން މުޅި ދައުލަތުގެ ވޯކް ފޯސް އެއީ 49،000 މީހުން ކަމަށާއި  އެ މީހުންނަށް މުސާރަ ދޭން މަހަކު ހަރަދުވަނީ ނުވަ ސަތޭކަ ނުވަ ދިހަ ހަތް މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެެހެން ނަމަވެސަ ސިޔާސީ މަގާމުތަކަށް މަހަކު ހަރަދުވަނީ 32 މިލިއަން ރުފިޔާ ކަމަށާއި އެއީ މުސާރަތަކަށް ސަރުކާރުން ކުރާ ހަރަދުގެ އެންމެ ތިން ޕަސެންޓްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.