26 ހާސް ވޭޕް ސްޓިކް ހިފަހައްޓާ، 14.5 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވޭ

26،000 އަށްވުރެ ގިނަ ވޭޕްގެ އާލާތްތައް ހިފަހައްޓާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ 14 ގަޑިއިރަށް ކުރިއަށް ދިޔަ ޕްރެސް ބްރީފިންގައި ރައީސް ވިދާޅުވީ، ޒުވާންޖީލާއި މުސްތަގްބަލްގެ ޖީލުތައް ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާއިރު، މިހާރު ތަންފީޒުކުރަމުންދާ ގާނޫނުގެ ތެރެއިން 26 ހާސް ވޭޕްގެ އާލަތްތައް ހިފަހައްޓާ، 14.5 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވާ ކަމަށެވެ.
އަދި ޖެނެރޭޝަނަލް ބޭން އަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޖެނެރޭޝަނަލް ބޭން އަކީ ދިވެހިން ދުޅަހެޔޮ އާދަތަކަށް އަހުލުވެރި، ދުޅަހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުން އަޅާ މުހިއްމު ފިޔަވަޅެއްކަމަށެވެ.
އަދި އެކަމުގެ ސަބަބުން ޒުވާން ޖީލް ދުންފަތުގެ ތެރެއަށް ވަނުން ދުރުކުރެވި، ސިއްހީ ހާލަތު ރަނގަޅު ވެގެންދާނެ ކަމަށެވެ.
01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ރައީސް ނިންމާފައިވާއިރު، ކާމިޔާބު ކަމާއެކު ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އިދާރާތަކުން ގެންދަވަނީ މަޝްވަރާކުރަމުންނެވެ.
