ޚަބަރު

ފަނޑިޔާރުން ހާޒިރުކުރުމާ މެދު ކޮމިޓީން ގޮތެއް ނިންމާނީ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު

އަލީ ސަމާޙް ، ދެން އޮންލައިން
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލީސް

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުުކުރުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

Ads by STELCO

ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެގޮތަށް ހުށަހެޅީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފުު ރަޝީދު އެވެ. އޭނާގެ ހުށަހެޅުމުގައި ވަނީ ކޮމިޓީން ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު މައްސަލާގައި ހިމެނޭ މީހުން ހާޒިރުކުރުމާ މެދު ކޮމިޓީން ގޮތެއް ނިންމުމަށެވެ. އެ ހުށަހެޅުމަށް ތާއިދުކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ.

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި އެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލި ކޮމިޓީގެ މެންބަރުން ހާޒިރުކުރުމަށެވެ. އެ ހުށަހެޅުމަށް ތާއިދުކުރެއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ.

އަޝްރަފުގެ ހުށަހެޅުން 6 މެންބަރުންގެ ވޯޓާއެކު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ދެ ފަނޑިޔާރުންގެ މައްސަލަ

ޖޭއެސްސީން ބަލަމުން އައި މައްސަލައަކީ މަސާޖު ޕާލާއަކުން އަޒްމިރާލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރާލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ.

މައްސަލައިގެ އަޑުއެހުންތައް ފަށާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އެ މައްސަލަ އާ ގުޅިގެން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް މައްސަލަ ތަހުގީގުކުރި ކޮމިޓީން ވަނީ ނިންމާފަ އެވެ.

ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓާ މެދު ގޮތް ނިންމުމަށް އިއްޔެ މެންދުރުފަހު 2 ޖެހިއިރު ވަނީ ޖޭއެސްސީގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ބައްދަލުވުމުގައި ކޮމިޝަނުން ނިންމީ އެ ކޮމިޓީން ބެލި އަޒްމިރާލްދާއާއި މަހާޒުގެ ސުލޫކީ މައްސަލައިގެ ރިޕޯޓު ބަލައިގަތުމަށާއި އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅުތައް ފަނޑިޔާރުންގެ މައްޗަށް އެޅުމަށެެވެ.

ރިޕޯޓުގައި ވަނީ އިސްމާއީލް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ބަންދުގެ މަޖިލީސް ބެލެހެއްޓެވި ގާޒީ އިބްރާހީމް ޒިހުނީއަށް އަޒްމިރާލްދާއާއި މަހާޒު ނުފޫޒު ފޯރުއްވިކަން ސާބިތުވާ ކަަމަށް ކަނޑައަޅާފަ އެވެ. އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި އަޒްމިރާލްދާއާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން މައްސަލަ ބެލި ކޮމިޓީން ވަނީ ނިންމާފަ އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން އެގޮތަށް އެދި މަޖިލީހަށް ފޮނުވައި ތަޅުމުން ނަގާ ވޯޓަކުންނެވެ. މަޖިލީހަށް ހުށަހަޅައިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މީގެކުރިން ވަނީ ވަކިކޮށްފަ އެވެ.

މި މައްސަލައިގެ އިތުރުން އަޒްމިރާލްދާއާއި މަހާޒު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައެއްގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކެވިއިރު ދެ ފަނޑިޔާރުން ތިއްބެވި މައްސަލައެއްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އަޒްމިރާލްދާގެ ދިފާއުގައި އޭނާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސް ބަޔާން ނެރުއްވުމަކީ ފަނޑިޔާރު މީޑިއާތަކާ ވާހަކަ ދައްކައި ހިނގަމުންދާ މައްސަލައަކަށް މައްސަލައިގެ ބޭރުން ރައްދު ދިނުން ކަމަށް ބަލައި ސުލޫކީ މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުންނެވެ.

އަޒްމިރާލްދާއާއި މަހާޒު މަގާމުން ސަސްޕެންޑްކޮށްފައިވަނީ ކްރިމިނިލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މައްސަލައާ ގުޅޭ ތަފުސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

އަޒްމިރާލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ. މައްސަލަ އޭސީސީގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

އެ މައްސަލައިގެ އިތުރުން ޝާމިލް ދޮގު މައުލޫމާތުދެއްވި ކަމަށް ތުހުމަތުކުރައްވާ ފުލުހަށްވެސް މައްސަލައެއް ހުށަހެޅުއްވި އެވެ. އެހެންނަމަވެސް މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.

ފަނޑިޔާރުން ސަސްޕެންޝަނުގައި ތިއްބަވާތާ ދެ މަސް ދުވަސް ވަނީ ވެފަ އެވެ. މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.

Ads by Allied Insurance