ތެލެސީމިއާ ކުދިންގެ ކަންކަން ފުރިހަމަކުރަން ހާއްސަ ސަމާލުކަމެއް ދޭނަން: ރައީސް

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީއާއެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކޮށްލެއްވުމުގަ އެވެ.
އެ ބައްދަލުވުމުގައި ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރުން އެ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އައްސަވައި އެކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އިތުރަށް ބޭނުންވާ ކަންކަން އެ ކޮމިއުނިޓީން ރައީސްއަށް ހުށަހެޅުއްވި އެވެ.
އެގޮތުން ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ މި ސަރުކާރުން ތަރައްގީކުރާ ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެންމެ ފުރިހަމައަށްގެންދިއުމަށް ވީހާވެސް ބޮޑަށް، އެބޭފުޅުންގެ މަޝްވަރާއާއި ހިޔާލާއި ވިޝަންއާއެކު ކުރިއަށްގެންގޮސްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
އަދި ތެލަސީމިއާއާއި ގުޅޭ ނިންމުމެއް ނިންމަވާނަމަ، އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނިގެންދާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ތެލެސީމިއާ ކޮމިއުނިޓީން ހުށަހެޅި އިތުރު ކަންކަން
- މޯލްޑިވްސް ބްލަޑް ސަރވިސް(އެމްބީއެސް)އިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ހިދުމަތް ދޭން ފެށުން
- އެމްބީއެސްގެ ހިދުމަތް ވިލަރެސްކޮށް މުޅި ރާއްޖެއަށް ދެވޭނެގޮތަށް ފުޅާކުރުން
ރައީސް ވިދާޅުވީ ތެލެސީމިއާ ޕޭޝަންޓުން ހުށަހެޅި ކަންކަމަށް ސަމާލުކަން ދެއްވާނެ ކަމަށެވެ. އަދި ތެލެސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ގަބޫލުފުޅު ކުރައްވާކަން ފާހަގަކުރައްވައި އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި އެވެ.
