ޚަބަރު

މަސްލަހަތު ފުށުއަރާނެތީ ޒުވާނުންގެ މުޒާހަރާގައި މުވައްޒަފުން ބައިވެރިނުވާން އެޗްއާރުސީއެމުން އަންގައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޔުމްނުއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން / ފޮޓޯ:ދެން އިމޭޖްސް

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން އިސްނަގައިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުގައި އެ ކޮމިޝަނުގެ މުވައްޒަފުން ބައިވެރިނުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އަންގައިފި އެވެ.

Ads by STELCO

ޔުމްނުއަށް އިންސާފު ނުލިބޭ ކަމަށް ބުނެ، "ދުލެއް ނުކުރާނަން" ގެ ނަމުގައި ބާއްވާ މުޒާހަރާތައް ފެށީ މަޖީދީ މަގު، ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ހުންނަ ސަރަހައްދުންނެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ނޫން ގޮތަކަށް ހުއްދަ ނުހޯދާ މުޒާހަރާތައް ބާއްވާ ނަމަ ރޫޅާލާނެކަން އަންގާފައިވުމާ އެކު މިހާރު މުޒާހަރާތައް ކުރިއަށް ގެންދަނީ ކާނިވަލް ސަރަހައްދުގަ އެވެ.

މުޒާހަރާތަކުގައި އެ ކޮމިޝަނުގެ މުވައްޒަފުން ބައިވެރިނުވާން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ކުރާ ސުވާލުގެ ޖަވާބުގައި މީޑިއާ ގްރޫޕުގައި ކުރި މެސެޖެއްގައި އެޗްއާރުސީއެމުން ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގައި ކުރިއަށްދާ މުޒާހަރާތައް މޮނިޓަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.

އެގޮތުން ކޮމިޝަނުގެ މުވައްޒަފުން މުޒާހަރާގެ އޮން-ސައިޓް މޮނިޓަރިންގެ އިތުރަށް މީޑިއާ މޮނިޓަރިންގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އެ މަސައްކަތަކީ މުޒާހަރާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް އެ ކޮމިޝަނުގެ މެންޑޭޓުގެ ދަށުން ކުރާ މަސައްކަތެއްކަން ފާހަގަކުރި އެވެ.

އޭގެ އިތުރުން އެ ކޮމިޝަނުގެ އޯވަސައިޓް މެންޑޭޓުގެ ދަށުން މި މައްސަލަ އާ ގުޅިގެން ފުލުހުން އަމަލުކުރަމުންދާ ގޮތް ބަލަމުންދާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

"މި މަސައްކަތްތައް ކުރުމުގައި، މި ކޮމިޝަނަކީ ތައައްސުބުން އެއްކިބާވެފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި އެފަދައިން އާންމުންނާއި އެންމެހާ ސްޓޭކްހޯލްޑަރުންނަށް ވެސް އެނގި ހާމަވާން ޖެހެ އެވެ." އެޗްއާރުސީއެމުގެ މެސެޖުގައިވެ އެވެ.

އެޗްއާރުސީއެމުން ބުނި ގޮތުގައި ދުނިޔޭގެ ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަން (އެންއެޗްއާރުއައި) ތަކުން އަމަލުކުރާ އުސޫލުތަކުގެ ދަށުން، އެ ކޮމިޝަން ފަދަ މުއައްސަސާތަކުގެ މުވައްޒަފުން މަސްލަހަތު ފުށުއަރާނެ ފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވެ ތިބެން ޖެހޭ ކަމުގަ އެވެ. ހަމަ އެގޮތަށް އެ ކޮމިޝަނުގެ މުވައްޒަފުންނަށް ވެސް މަސްލަހަތު ފުށުއަރާނެ ފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވުމަށް އިރުޝާދު ދީފައިވާ ކަމުގަ އެވެ. އެއީ އަމިއްލަ ހައިސިއްޔަތުން މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން އެ ކޮމިޝަނުގެ މަސައްކަތުގެ ސައްހަ ކަމަށް އަސަރު ކޮށްފާނެތީ ކަމުގައި ފާހަގަކޮށްފައިވެ އެވެ.

"މި ފިޔަވަޅަކީ ކޮމިޝަނުގެ ދައުރުގެ ސުލޫކު ހިފެހެއްޓުމަށާއި ކޮމިޝަނުގެ އެންމެހާ މަސައްކަތްތައް ތައައްސުބުން އެއްކިބާވެ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހުރިކަން ޔަގީންކުރުމަށް އެޅޭ ފިޔަވަޅެކެވެ." އެޗްއާރުސީއެމުގެ މެސެޖުގައިވެ އެވެ.

މައްސަަލަ ހޫނުވީ ޔުމްނު ވެއްޓުނު ރޭ އޭގެކުރިން އޭނާ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގޭގައި ހުންނަ އެޕާޓްމަންޓަކަށް ދިޔައިރު، އެ ގޭގެ ނަމާއި ޕާޓީގައި ޔުމްނު އާއެކު އުޅުނު މީހުންގެ ވަނަވަރު ފުލުހުން ހާމަނުކުރުމުންނެވެ. އަދި އެއިން މީހަކާ މެދު ފިޔަވަޅު ނޭޅުމުންނެވެ. މަސްތުވާތަކެތި ބޭނުންކުރި ކަމަށް ބެލެވުނު ނަމަވެސް އެ ތަކެއްޗަށް ޓެސްޓުކުރަން ދެކޮޅު ހެދުމުން ވެސް ފިޔަވަޅެއް ނާޅަ އެވެ.

ފަހުން ޕާޓީގައި ތިބި މީހުންގެ ޕާސްޕޯޓު ހިފަހައްޓައި މައުލޫމާތު އާންމުކުރިއިރު، އޭގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅުން ހިމެނެ އެވެ. ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނަނީ އެ ކަމާ ގުޅުވަ އެވެ.

އެހެންނަމަވެސް ޕާޓީ އޮތް ވަގުތު ރާއްޖޭގައި ނޫޅުއްވާ ކަމަށާއި ޕާޓީ އޮތް އެޕާޓްމަންޓަކީ ސީދާ އޭނާ އާ ގުޅުންހުރި ތަނެއް ނޫން ކަމަށް އަމީން ވިދާޅުވެފައިވެ އެވެ. ފުލުހަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރައްވަ އެވެ.

Ads by Ooredoo