ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް، އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ތިނަދޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން އަނިޔާވި މީހަކަށް އިތުރު ފަރުވާ ދިނުމަށް އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ސިޓީގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 3:47 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 31 އަަހަރުގެ އަންހެން މީހާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އެމަޖެންސީގައި ހަމަ އެ ރޭ މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ.
އާއިލާ އާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އަނިޔާ ލިބުނު އަންހެން މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމުގަ އެވެ.
އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ ހާޒިރުކޮށް، ތަހުގީގުގައި ވަނީ ސުވާލުކޮށްފައިކަން ފުލުހުން ފާހަގަކުރި އެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.