ޚަބަރު

ކުރީގެ ސީޕީ ޝުޖާއު ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވައި ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުން ޝުޖާއުއަށް ހޯމްލޭންޑް މިނިސްޓަރު އިހުސާން ޝަރަފުގެ ހަނދާނީ ފިލާ އަރުވަނީ / ފޮޓޯ:ފުލުހުން

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.

Ads by STELCO

މިދިޔަ މަހުގެ 26 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވި ޝުޖާއު ރިޓަޔާ ކުރެއްވުން ފާހަގަކުރުމަށް އިއްޔެ އިސްކަންދަރު ބިލްޑިންގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ޝަރަފްވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ޝުޖާއު ވަނީ ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ޝުޖާއުއަށް ވަނީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮމިޝަނަރުންނަށް ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔާމަންޓް ކާޑު ވެސް އަރުވާފަ އެވެ.

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރު ނަވީން ޝުޖާއުއަށް ލިޔުން ހަވާލުކޮށްދެއްވަނީ / ފޮޓޯ:ފުލުހުން

ރިޓަޔާމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށް ވެސް ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުން ކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެކެވެ.

ޝުޖާއު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ 23 ޑިސެމްބަރު 2023 ގަ އެވެ.

ސީޕީގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވިއިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހު އަންހެނަކު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން ފުލުހުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

Ads by Ooredoo