ގްރީން ޓެކުހުގެ އާމްދަނީ 73.7 އިންސައްތައިން އިތުރުވެއްޖެ

ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 73.7 އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި 01 މެއި 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދު ހިމަނައި، ނިމިގެންދިޔަ ހަފްތާގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ގްރީން ޓެކުހުގެ އާމްދަނީ 73.7 އިންސައްތައިން އިތުރުވެފައިވާއިރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ލިބިފައިވާ އާމްދަނީ ވަނީ 31.9 އިންސައްތައިން އިތުރުވެފަ އެވެ.
އޭގެ އިތުރުން، ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ)ގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ވަނީ 5.3 އިންސައްތައިން އިތުރުވެފަ އެވެ.
ނިމިގެންދިޔަ ހަފްތާގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޓެކްސް-ނޫން އާމްދަނީ، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 32.3 އިންސައްތައިން އިތުރުވެފައިވެއެވެ. އެގޮތުން، މި އާމްދަނީގެ 20.1 އިންސައްތަ ހިއްސާކުރަނީ ރިސޯޓް ބިމުކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، 01 މެއި 2025 ގެ ނިޔަލަށް ދައުލަތް ހިންގުމުގެ ޚަރަދު 8.6 އިންސައްތައިން އަދި ދަތުރުފަތުރުގެ ހަރަދު 21.8 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ޚަރަދު 3.3 އިންސައްތައިން ވަނީ ދަށްވެފަ އެވެ.
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން، 01 މެއި 2025 ގެ ނިޔަލަށް ހިނގާފައިވަނީ 24.3 އިންސައްތަ އެވެ.
ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވައިލައިފައިވާ ސިޔާސަތުތައް މިއަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށައިފައިވުމާއެކު، ދައުލަތުގެ ޖުމުލަ ހަރަދު، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 21.3 އިންސައްތައިން ދަށްވެފައެވެ. އެގޮތުން، ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި:
- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތައް އަލުން ރިވިއުކޮށް، ނަތީޖާނެރެވޭނެ ޕްރޮގްރާމްތަކަށް އިސްކަންދިނުމުގެ ސިޔާސަތާއެކު، ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދު، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 75.8 އިންސައްތައިން ވަނީ ދަށްވެފައި
- ހަރަދު ކުޑަކުރުމަށް ކުރެވޭ އެހެނިހެން މަސައްކަތްތަކާއެކު، ދަތުރުފަތުރުގެ ހަރަދު 21.8 އިންސައްތައިން ދަށަށް ގޮސް، ހިންގުމުގެ ހަރަދު 8.6 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ހަރަދު ވަނީ 3.3 އިންސައްތައިން ދަށްވެފައި
- އެހެންނަމަވެސް، ޕޭ-ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވުމުގެ ސަބަބުން، އެ ހަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.5 އިންސައްތައިން އިތުރުވެފައި
މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 13.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.
