ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ހިއްސާކުރަން ހެދި ޕޯޓަލް އާންމުންނަށް ހުޅުވާލައިފި

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހ. މިޓާޒް ގޭގެ ފުރާޅު މަތީގައި ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތްވާ ފެނުނު މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަން އެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަންއިން އެކުލަވާލި ޕޯޓަލްއަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު އާާންމުންނަށް މިއަދު ހުޅުވާލައިފި އެވެ.
ރިޔާސީ ކޮމިޝަންއިން މިއަދު އެކްސްގައި ބުނީ ޔުމްނު ވެއްޓުމުގެ ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް މި ކޮމިޝަނާ ހިއްސާކުރައްވަން ބޭނުންފުޅުވާނަމަ ނުވަތަ އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ ވެސް އެކަން ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ހުށަހެޅޭނެ ކަމަށެވެ.
އެ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ކުރިން ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ދާނީ ނުފޫޒެއް ނެތި ކަމަށާ އޭނާގެ މައްޗަށް ނުފޫޒެއް ފޯރުވަން މަސައްކަތްކޮށްފި ނަަމަ އެކަމެއް ހާމަކޮށް ކޮމިޝަނުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
އަދި ބޭނުން ވަނީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމައި، މައްސަލައިގައި އިންސާފާ ހަމައަށް ދާން ކަމުގައި ފާހަގަކުރެއްވި އެވެ.
ޔުމްނު ވެއްޓުނީ ކިހިނެއްކަމެއް އަދިވެސް ނޭނގެ އެވެ. އެހެންވެ އެ މައްސަލައިގައި ޒުވާނުން ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކޮންމެ ރެއަކު ދަނީ މުޒާހަރާކުރަމުން ނެވެ.
ޔުމްނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރީ ރައުދު އަހުމަދު ޒިލާލް އެކަންޏެވެ.