ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތަށް އިދިކޮޅުން ދެކޮޅު ހަދަނީ ކީއްވެ: ރައީސް

ރާއްޖެ ޑިޖިޓަލް ކުރުމަށް މި ސަރުކާރުން ފަށާފައިވާ ''މޯލްޑިވްސް 2.0'' ގެ ދަށުން ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސުވާލު އުފައްދަވައިފި އެވެ.
ރައީސް އެގޮތަށް ސުވާލު އުފެއްދެވީ އެމަނިކުފާނުގެ ރަސްމީ އެކައުންޓުން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
''ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟'' ރައީސް ވިދާޅުވީ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ.
އެއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު ކަމަށާއި ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ހިދުމަތުގެ ފެންވަރު މަތީ ނިޒާމް ކަމަށް ވިދާޅުވި އެވެ.
އަދި ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް ކަމަށައި ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް ކަމަށްވެސް ވިދާޅުވި އެވެ.
އެ އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު. މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން
މޯލްޑިވްސް 2.0 އަކީ ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ރޭ އިފްތިތާހު ކޮށްފައިވާއިރު އެއީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާ މަޝްރޫއެކެވެ.
އަދި އެ މަޝްރޫއަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫއެއް ކަމަށް ސަރުކާރުން ބުންޏެވެ.