ރައުދުގެ ބަންދަށް އިތުރު 5 ދުވަސް

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ވަގުތެއްގައި ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލު (21އ) އިތުރު 5 ދުވަހު ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ހ. ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ އެ ދުވަހުގެ ހެނދުނު އެވެ. އޭނާ ވެއްޓުމުގެ ކުރިން، ފެންޓެނޯއީގޭގެ ސިޑިމަތީގައި ރައުދު އާއެކު އުޅުނު ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
މައްސަލަ އާ ގުޅިގެން ފުލުހުން ރައުދު ހައްޔަރުކުރީ އޭޕްރީލް 24 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވީ އޭޕްރީލް 30 ވަަނަ ދުވަހު އެވެ. އެ ދުވަހު ބަންދަށް އިތުރުކުރި 10 ދުވަސް މިއަދު ވަނީ ހަމަވެފަ އެވެ.
ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުން އިތުރު 5 ދުވަސް ވަނީ ޖަހާފަ އެވެ.
ރައުދު ފުރަތަމަ ހައްޔަރުކޮށް، ޓެސްޓު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވި ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ. އެހެންނަމަވެސް އެފަހަރު އޭނާ ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމުގަ އެވެ. އެހެންނަމަވެސް އަލުން ރައުދު ހައްޔަރުކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ނުދާކަން ފާހަަގަކޮށެވެ.
ރައުދުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި ފުރަތަމަ ކޯޓު އަމުރުގައިވާ ގޮތުން ފެންޓެނޯއީގޭގައި އުޅުމުގެ ތެރޭގައި ޔުމްނު އާއި ރައުދު އާ ދެެމެދު "ހަމަނުޖެހުމެއް" ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނުގޭގައި އޮތް ޕާޓީއަކަށް ދިޔަ އެވެ. އެ ޕާޓީއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.
