ސްޓެލްކޯއިން އަންހެން އިލެކްޓްރިޝަނުން ތަމްރީނުކުރާ ކޯސް 16 ބައިވެރިއަކު ފުރިހަމަކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަންހެން އިލެކްޓްރިޝަނުން ތަމްރީނު ކުރުމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ ކޯސް 16 މީހަކު ފުރިހަމަކޮށްފި އެވެ.
އެ ކޯހާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ ކޯހަކީ އަންހެނުންގެ މެދުގައި ކަރަންޓުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމަށާއި ކަރަންޓަށް ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ "ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ގެ ފުރަތަމަ ބެޗް ކަމަށެވެ.

ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެންގެ ފުރަތަމަ ބެޗްގެ ބައިވެރިން ކޯހުގައި / ފޮޓޯ:ސްޓެލްކޯ
ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން 350 މީހަކު ޝައުގުވެރިކަން ފާޅުކުރި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ކޯހުގެ ފުރަތަމަ ބެޗުގައި 16 އަންހެނަކު ވަނީ ތަމްރީނުކޮށްފަ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯސް ނިންމާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެންގެ ފުރަތަމަ ބެޗްގެ ބައިވެރިން ކޯހުގައި / ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯއިން ބުނި ގޮތުގައި ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެންގައި ރައްކާތެރި ގޮތުގައި ކަރަންޓު ބޭނުންކުރުމާއި ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމާ އެކު ކަރަންޓު ވަޔަރުކުުރުމުގެ އަސާސީ މައުލޫމާތު ކޯހުގެ ބައިވެރިންނަށް ކިޔައިދީފައިވާ ކަމުގަ އެވެ.
