ޚަބަރު

ބޮޑުފޮޅުދޫ ޒަމާނީ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބޮޑުފޮޅުދޫ ޒަމާނީ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން --

އއ. ބޮޑުފޮޅުދޫގައި އިމާރާތްކުރަން ހަމަޖެހިފައިވާ ޒަމާނީ އާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.

Ads by STELCO

އެ ރަށުގެ އިންޖީނުގެއަކީ ނިސްބަތުން ޖާގައިގެ ގޮތުން ކުޑަ ތަނެކެވެ. އިންޖީނުގެ ހުންނަނީ ރަށުގެ ސްކޫލާ އިންވެގެން ކަމަށް ވުމުން އެ ތަނުގެ އަޑާއި ދުމުގެ ސަބަބުން ސްކޫލުގެ ދަރިވަރުން ތަކްލީފުތަކާ ކުރިމަތިލާން ޖެހެ އެވެ.

އެ ކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ބޮޑުފޮޅުދޫގައި އިމާރާތްކުރަން ނިންމި އާ އިންޖީނުގޭގެ ބިންގާ އަޅާފައި ވަނީ އެ ރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލުގެ ރައީސް ޝުޖާއު އާދަމެވެ.

އެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ބޮޑުފޮޅުދޫގެ ރައްޔިތުން ދެކެމުން އައި އެންމެ ބޮޑު ހުވަފެނަކީ ޒަމާނީ އަދި ފަހުގެ ވަސީލަތްތައް ހިމެނޭ އިންޖީނުގެއެއް އެޅިގެން ދިއުމުގެ ހުވަފެން ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ކުރީކޮޅު މަތިވެރި ދާއިރާއަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުފޮޅުދޫގެ ކައުންސިލާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ކައުންސިލުގެ ފަރާތުން އެދުނު އެންމެ ބޮޑު އެދުމަކީ ރަށުގެ އިންޖީނުގޭގެ މަސައްކަތް އަވަސްކޮށްދިނުން ކަމަށެވެ.

އެ ބައްދަލުވުމުގައި މެއި މަހުގެ ކުރިން އިންޖީނުގޭގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިކަން ޒަރީރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މިއަދު ފެނިގެން ދަނީ ރައީސްގެ އެ ވައުދުފުޅު ފުދިގެންދާ މަންޒަރު ކަމަށެވެ.

އެ ކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަކަށް އާ އިންޖީނުގޭގެ މަސައްކަތް ނިންމައި މިހާރު ހުރި އިންޖީނުގެ އެ ތަނަށް ބަދަލުކުރުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!