ކުރީގެ ކޮންޓްރޯލަރު ޝަމްއާނަށް ދައުވާކުރަން ފޮނުވައިފި

ބިދޭސީއެއްގެ އަތުން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދާއި އެ އިދާރާގެ ހަތަރު އޮފިސަރެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގާކަމުގެ ތުހުމަތުގައި ޝަމްއާން އިމިގްރޭޝަނުގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށްފައި ވަނީ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ. މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރު ކުރުމަށް ފަހު އޭނާ ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ރެ އެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ 15 ދުވަހަށް ޝަމްއާން ބަންދު ކުރުމަށް އަމުރުކުރި އެވެ. ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މަހު އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި ޝަމްއާނުގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ބަންދު އަމުރު ދަމަހައްޓާފަ އެވެ. ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެހެންނަމަވެސް މައްސަލަ ބަލައިނުގަތުމަށް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމާފަ އެވެ.
ޕީޖީގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ ޝަމްއާނުގެ އިތުރުން އެ މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ ކޮށްދޭން އިއްޔެ ފުލުހުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް 15 ދުވަސް ލިބޭނެ އެވެ.
މައްސަލަ އާ ގުޅިގެން ޝަމްއާން ހިމެނޭހެން ފަސް މީހަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފަ އެވެ. އެ އޮފިސަރުންނަކީ އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލުގެ ބިއުރޯގައި މަސައްކަތް ކުރާ އޮފިސަރުންކަން ވަނީ އެނގިފަ އެވެ. މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ތިން އޮފިސަރެކެވެ. އެއީ:
- ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއީލް (21އ)
- ގ. ހެޕީސައިޑް، އިބްރާހީމް އަހްމަދު (37އ)
- ގ. ހެޕީސައިޑް، ހަސަން ސަހެޝާން (47އ)
އެފަހުން ޝަމްއާން (36އ) ހައްޔަރު ކުރުމަށް ފަހު، މ. ހަޒާރީވިލާ، އަހްމަދު ލައްސާނު (40އ) ވަނީ ހައްޔަރުކޮށްފަ އެވެ.
ބިދޭސީ މަސައްކަތްތެރިއެއްގެ އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލަ އާ ގުޅޭގޮތުން މީގެކުރިން ފުލުހުން ބުނެފައި ވަނީ ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަނުގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.
އެހެން ފުލުހުން ބުނެފައިވާ ސަބަބަކީ ރެއިޑްކުރި އިމިގްރޭޝަނުގެ އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓުގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.
އެ ރެއިޑުގައި އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000 ރުފިޔާ ދިނުމުން ދޫކޮށްލީ ޝަމްއާނުގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާ އާ ބައްދަލުކޮށް އެ ފައިސާ ޝަމްއާނުގެ ގެއަށް ގެންދިޔަ ކަމަށް ވެސް ތުހުމަތުކުރެ އެވެ.
މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ ޝަމްއާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އެ މައްސަލައިގައި ޝަމްއާނުގެ އަނބިކަނބަލުން ހިދްފާ ފާއިޒުގެ ފޯނު ފުލުހުން ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފައިވެ އެވެ.