ޚަބަރު

ވެރިކަން ބަދަލުވާއިރަށް ފަނޑިޔާރުން ބަދަލުނުވާ ގޮތަށް ނިޒާމް ބަދަލުކުރަން ޖެހޭ: ރައީސް ނަޝީދު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާ އެއް ގައި ރައީސް ނަޝީދު/ ފޮޓޯ: ދެން

ވެރިކަން ބަދަލުވާއިރަށް ފަނޑިޔާރުން ބަދަލުނުވާ ގޮތަށް ނިޒާމް ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ސުލޫކީ މައްސަލަތަކެއް ފާހަގަކޮށް ޖޭއެސްސީން މައްސަލަ ބަލައި ނިންމުމުމުން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކޮށްފަ އެވެ.

އެ ނިންމުމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި މިއަދު ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރަން ޖެހޭ ކަަމށް އާ ވެރިންގެ ހިތަށް ވަންނަކަމކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައީސް ބޭނުންފުޅުވާ އިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނު އަސާސީގައި ތަސައްވަރުކުރި ގޮތެއް ވެސް ނޫން ކަމަށެވެ.

އެހެން ނަމަވެސް އެ ގާނޫނު އަސާސީ ބައްޓަންކޮށްފައި ވަނީ އުއްމީދުކުރި ގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް ގޮތަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"2008ގައި އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު އާ ސުޕްރީމް ކޯޓު އެކުލަވާލަން ޖެހުނު 2013،2018 އަދި 2023ގެ އިންތިހާބުތަކަށް ފަހުގައި. ކޮންމެ ވެރިކަމަކުން ވެސް މިވަނީ ފަނޑިޔާރުން ބަދަލުކޮށްފައި. އެެއީ ވަރަށް ބޮޑު ދެރައެއް. އަދި ގޯހެއް" އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން އެކަން ނުވާނެ ފަދަ ގޮތަކަށް ނިޒާާމް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ދެ ފަނޑިޔާރުން ވަކިކުރީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.