މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންސްއިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ރާއްޖޭގެ ދިގު މުއްދަތުގެ އިޝުއަ ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން އިގުތިސޯދީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަކަން، މޫޑީޒްއިން މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ރޭޓިން ކޮމިޓީ ބައްދަލުވުމަށްފަހު އެކުލަވާލި ރިވިއުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ފަތުރުވެރިކަން އަލުން ކުރިއަރައި، އިގުތިސޯދު ރަނގަޅުވަމުން އައިސްފައިވާ ކަމަށާއި މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވާދަވެރިކަމާއި އިގުތިސޯދީ ކުރިއެރުމުގެ ފުރުސަތުތައް ރަނގަޅުކަން ކަމުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، މިދިޔަ އޮކްޓޯބަރުން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައިސްފައިވާކަން މޫޑީޒްއިން ފާހަގަކޮށް، މިއީ ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާ އަދި ބޭރު ފައިސާ އާ ގުޅޭ ސިޔާސަތުތަކަށް ގެނެވުނު އިސްލާހުތަކާއި ބޭރު ފައިސާއިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވުމުގެ ނަތީޖާ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މޫޑީޒްއިން ދެކޭ ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭ ގޮތަށް، ބޭރުގެ ދަރަނި އަދާކުރުމެވެ. މި އާއެކު އެމެރިކާގެ އިގުތިސޯދީ ސިޔާސަތުތަކާ ގުޅިގެން މާލީ ބާޒާރަށް އޮންނަ ޔަގީންކަން ދަށްވެފައިވުމާ އެކު، ބައިނަލްއަގުވާމީ މާކެޓުން ފައިނޭންސިން ހޯދުމަށް ހުރި ގޮންޖެހުންތައް ވެސް މި ރިވިއުގައި ފާހަގަކޮށްފައިވެ އެވެ.
މޫޑީޒްއިން ރޭޓިން ދަމަހައްޓަން ނިންމާފައިވާއިރު، ރާއްޖެއިން ދަނީ ދައްކަން ޖެހޭ ދަރަނިތައް ގަވާއިދުން ދައްކަމުންނެވެ. އެގޮތުން ބޭރުގެ ފަރާތަކުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނެއް މި އަހަރުގެ މާޗް މަހު އަނބުރާ ވަނީ ދައްކާފަ އެވެ.
