ޚަބަރު

ދައުލަތުގެ ދަރަނި މެނޭޖުކުރަން ކޮންސަލްޓެންޓެއް ހޯދަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކެބިނެޓުގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު / ފޮޓޯ:ރައީސް އޮފީސް

ދައުލަތުގެ ސިޔާސަތުތަކާއި ދަރަނި ބެލެހެއްޓުމުގައި އެންމެ ރަނގަޅު އުސޫލުތައް އުފެއްދުމަށް ފިނޭންސް މިނިސްޓްރީއަށް ކޮންސަލްޓެންޓެއް ހޯދަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފި އެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން އިއުލާންކުރި ގޮތުގައި ހުޅުވާލާފައިވަނީ "ޑެޓް ސްޓެރެޓަޖީ އެންޑް ރިސްކް މެނޭޖުމަންޓް ކޮންސަލްޓެންޓް" ގެ މަގާމަށެވެ.

އެއީ ދަރަނި މެނޭޖު ކުރުމުގެ އިތުރުން ދަރަންޏާ ގުޅޭ ގާނޫނީ އަދި އިދާރީ އޮނިގަނޑުތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި ދަރަނީގެ މުއާމަލާތްތައް ސައްހަކޮށް ހިންގުމާއި، ސެޓްލްމަންޓާއި، ރެކޯޑްކުރުމަށް އެހީތެރިވުމަށްޓަކައި މުހިންމުވެފައިވާ މަގާމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.

ރާއްޖޭން ނަގާފައިވާ ބޭރު ދަރަނީގެ ބޮޑު އަދަދެއް ދައްކަން ޖެހެނީ މި އަހަރާއި އަންނަ އަހަރުގަ އެވެ. އޭގެ ތެރެއިން އަންނަ އަހަރު އެކަނި 500 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެ އެވެ.

ދަރަނި މެނޭޖުކުރާނެ ގޮތުގެ ކޮންސަލްޓެންޓެއް ހޯދަން އިއުލާންކުރި އިރު ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކުން ބޭރު ފައިސާގެ ރިޒާވް ވަނީ ކޮންމެ ވެސް ވަރަކަށް ރަނގަޅު ކުރެވިފަ އެވެ.

ނަމަވެސް އިގުތިސޯދުގެ ކުރިއެރުން މާ ބޮޑަށް ނައިސް، ތަކެތީގެ އަގު އުފުލުމާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މާ ރަނގަޅު ފިޔަވަޅުތަކެއް ނޭޅޭތީ އެ ކަމުގެ ކަންބޮޑުވުން އަދިވެސް އެބަ އޮތެވެ.

ދަރަނިތައް މެނޭޖުކޮށްގެން ދައުލަތުގެ ހަރަދުތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.

Ads by Ooredoo