ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަވާނެ: މެޓް

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފި އެވެ.
މިއަދު ނެރުނު ބަޔާނެއްގައި މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، މާދަަމައިން ފެށިގެން އަންނަ އަންގާރަ ދުވަހަށް ރާއްޖޭގެ އެކި ހިސާބުތަަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ވިއްސާރައިގައި ހާއްސަކޮށް މެދު ރާއްޖެތެރެ އާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެކަމާ ގުޅިގެން ހުރިހާ ފަރާތްތަކުން ވެސް މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅަށް ފެށިފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. މެޓް އޮފީހުން ބުނެފައިވާ ގޮތުގައި އިރުވައި މޫސުން މީލާދީ ގޮތުން އަންނަނީ ގާތްގަނޑަކަށް ޖެނުއަރީން ފެށިގެން މާޗް މަހާ ހަމައަށް ކަމުގަ އެވެ. އަދި ހުޅަނގު މޫސުން އަންނަނީ މެއިން ފެށިގެން ނޮވެމްބަރު މަހަށް ކަމުގަ އެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މެއި މަހުގެ ފުރަތަމަ ހަފުތާ ނުވަތަ ދެ ވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށް އެ އޮފީހުން .ބުނެފައިވެ އެވެ. އަދި އޭގެފަހުން މެދު ރާއްޖެތެރެއަށް ވެސް ހުޅަނގު މޫސުން އައިސް، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭކަން ފާހަގަކޮށްފައިވެ އެވެ.
