އައިއެސްއޯގެ މުހިއްމު ދެ ސެޓްފިކެޓެއް އައިޔޫއެމްއަށް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ވަނީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓޭންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ދެ ސެޓްފިކެޓްއެއް ހާސިލުކޮށްފި އެވެ.
އައިޔޫއެމް އިން ހާސިލުކޮށްފައިވާ ދެ ސެޓްފިކެޓްގެ ތެރޭގައި، "އައިއެސްއޯ 9001:2015 ކުއަލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން" އަދި "އައިއެސްއޯ 21001:2018 އެޑިޔުކޭޝަނަލް އޯގަނައިޒޭޝަންސް" ހިމެނެ އެވެ.
އައިއެސްއޯ އަކީ ބައިނަލްއަގްވާމީ ފެންވަރުގައި، އެކި ދާއިރާތަކާއި ގުޅޭ މިންގަނޑުތަށް ކަނޑައެޅުމަށް ގާއިމުކުރެވިފައިވާ ޖަމިއްޔާއެކެވެ.
އެގޮތުން، ޖުމްލަ 174 ގައުމެއްގެ ތަޖުރިބާކާރުން ބައިވެރިވާ މި ޖަމިއްޔާގައި، އެކި ދާއިރާތަކާއި ގުޅޭ މިންގަނޑުތަށް ކަނޑައެޅުމަށް ޖުމްލަ 823 ޓެކްނިކަލް ކޮމިޓީއެއް ވަނީ އެކުލަވައިލެވިފަ އެވެ.
އައިޔޫއެމްއަށް ލިބުނު އެ ކާމިޔާބީއާއި ގުޅިގެން ބޭއްވުނު ޕްރެސް ކޮންފެރެންސްގައި، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ އަލީ ޒާހިރު ވަނީ މިއީ، މިފަދަ ސެޓްފިކެޓްތަކެއް ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ލިބުނު ފުރުތަމަ ފަހަރުކަން ފާހަގަކުރައްވައިފަ އެވެ.