ޓެލެގްރާމް އެކައުންޓްތައް ކޮމްޕްރޮމައިޒްވަމުން ދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ޓެލެގްރާމް އެކައުންޓްތައް ކޮމްޕްރޮމައިޒް ވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ ސެންޓަރުން ބުނި ގޮތުގައި ޓެލެގްރާމް މެދުވެރިކޮށް ސްކޭމަރުން ޔޫސަރުންގެ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަވެފަ އެވެ.
އެގޮތުން ސްކޭމަރުން މިހާރު ބޭނުންކުރަމުންދާ ބައެއް އުކުޅުތައް ވެސް އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރި އެވެ.
އެގޮތުން ފޮޓޯތަކެއް ވެބްސައިޓެއްގައި ހުރި ކަމަށް ބުނެ ޝައްކުވާ ލިންކުތަކެއް ހިމެނޭ މެސެޖުތައް ފޮނުވުމާއެކު ވެރިފިކޭޝަން ކޯޑު ހޯދަން ވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައިވެ އެވެ.
އެފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެއްވެސް ލިންކަކަށް ނުފިތައި ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފަ އެވެ.
އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކޮށް ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުމަށް ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކުރި އިތުރު ކަންކަން
- އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓްފޯމަށް ރިޕޯޓުކުރުން.
- ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.
- އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.
"އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރު ނުވަތަ އެޕަލް އެޕް ސްޓޯރު) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިން ސޮފްޓްވެއާ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެކެވެ." އެންޓި ސްކޭމް ސެންޓަރުން އިތުރަށް ބުންޏެވެ.