ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުޑަ ނަމަ ކައުންސިލުތަކުގެ ބައި-އިލެކްޝަން ނުބާއްވާ ބިލު ތަސްދީގުކޮށްފި

ލޯކަލް ކައުންސިލުތަކުގެ ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ހުށަހެޅި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި އިސްލާހު ގެނައުމަށް ނިންމަވާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް، ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ މަގްސަދުގަ އެވެ.
މި އިސްލާހާއެކު އަންނާނެ ބައެއް ބަދަލުތައް:
- ކައުންސިލެއްގެ ރައީސްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ، 548 (ފަސްސަތޭކަ ސާޅީސްއަށެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލްގައި މެންބަރުން ނެތް ހާލަތެއްގައި މެނުވީ، އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކޮށްގެންނުވާނެ
- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ މެންބަރެއްގެ މެންބަރުކަމުގެ މަގާމު ހުސްވިއިރު އެ ކޮމިޓީގެ އުމުރުގެ ބާކީ އޮތީ 548 (ފަސްސަތޭކަ ސާޅީސްއަށެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީގައި މެންބަރުން ނެތް ހާލަތުގައި މެނުވީ، އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކޮށްގެންނުވާނެ
މި ބިލަކީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
ބިލު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.
