ޚަބަރު

މުލީ ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މުލީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް އަމަލީގޮތުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުޢިއްޒު، މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި އެވެ.

Ads by MPL

އެމަނިކުފާނު މި މަޝްރޫއު ފައްޓަވައިދެއްވީ މިއަދު މުލީގައި އެކަމަށްޓަކައި ހާއްސަކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގަ އެވެ.

މުލީ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫއު ކުރިއަށްގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެ ތެރޭގަ އެވެ. މި މަޝްރޫއު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށް ސަރުކާރުން ބުންޏެވެ.

މި މަޝްރޫއު ނިމުމުން މުލީގެ އިތުރުން މި އަތޮޅުގެ ގިނަ ރަށްރަށަށް ސިއްހީ ހިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ސަރުކާރުން ބުންޏެވެ.

Ads by Allied Insurance