އެމްއެމްއޭއަށް ނަގާ ޑޮލަރު މަތިކުރީ ވިޔަފާރިތަކަށް ކުރިއަށް ވުރެ ހަރުދަނާކޮށް ދޫކުރަން

ރާއްޖޭގެ ބޭންކުތަކަށް މާރުކުރާ ޑޮލަރާއި ބޭރު ފައިސާ މަރުކަޒީ ބޭންކަށް ނަގާ މިންވަރު މަތިކުރީ ވިޔަފާރިތަކަށް ކުރިއަށް ވުރެ ހަރުދަނާކޮށް ފައިސާ ދޫކުރަން ކަމަށް އެމްްއެމްއޭއިން ބުނެފި އެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ އިންސައްތައެއްގެ އަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހެ އެވެ.
އެގޮތުން ކުރިން ބެރު ފައިސާގެ 60 ޕަސެންޓް އެމްއެމްއޭއަށް ވިއްކަމުން އައި ނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން 90 ޕަސެންޓް ފައިސާ ވިއްކަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ބަދަލު ގެނައީ މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބޭރު ފައިސާ މާރުކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މޭ މަހަށް 214 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައި ވެއެވެ.
ބޭރު ފައިސާ މާރުކުރުމުގައި އެކި އުސޫލުތައް އެކި ތަންތަނަށް އޮތީ ކަނޑައަޅައިފަ އެވެ.
ކެޓަގަރީ އޭ ގައި ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓްތަކާއި ފްރައިވެޓް އައިލެންޑްތަކާއި ރިސޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަން ހިމެނޭއިރު، ކެޓަގަރީ ބީ ގައި ހިމެނެނީ ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކެވެ.
ކެޓަގަރީ އޭއަށް ލިބޭ ފައިސާ މާރުކުރެވޭނެ ދެ ގޮތެއް ގާނޫނުގައި ބުނެފައިވެ އެވެ. އެއް ގޮތަކީ އެ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމާއި ކޮންމެ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 އިންސައްތަ މާރުކުރުމެވެ.
ކެޓަގަރީ ބީ އަށް ލިބޭ ފައިސާ މާރުކުރެވޭނީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހެެއްގެ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތައިން މާރުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
