ދައުލަތުގެ ހަރަދު 20.3 އިންސައްތައިން ކުޑަވެ، ރިކަރަންޓް 4.5 އިންސައްތަ ދަށަށް

މިއަހަރުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ރިކަރަންޓް ހަރަދުގެ މިންވަރު 2024 ވަނަ އަހަރާ އަޅައިބަލާއިރު 4.5 އިންސައްތަ ދަށަށް ގޮސް، ޖުމްލަ ހަރަދު މިދިޔަ އަހަރާ އަޅައިބަލާއިރު 20.3 އިންސައްތައިން ދަށަށް ހިނގައްޖެ އެވެ.
މިންވަރު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، 15 މެއި ގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޖުމުލަ ހަރަދު ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 20.3 އިންސައްތައިން ދަށްވެފަ އެވެ.
އެގޮތުން، މެއި 15 ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާ އެވެ.ދައުލަތުގެ ބަޖެޓުން 15 މެއި ގެ ނިޔަލަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިންވަރަށްވުރެ 4.5 އިންސައްތަ ދަށް އަދަދެކެވެ.
މިއަހަރު ދައުލަތުގެ ރިކަރަންޓް ހަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާ ޖުމުލަ އަދަދުގެ ތެރެއިން 59.2 އިންސައްތައަކީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ހަރަދުތަކެވެ. އެގޮތުން، އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ހަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 71.7 އިންސައްތައިން ދަށްވެ، އިދާރީ ހިންގުމުގެ ހަރަދުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ރެކޯޑުކޮށްފައިވަނީ 7.0 ބިލިއަން ރުފިޔާ އެވެ.
މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތަކަށް ހިނގާފައިވާ ހަރަދަށްވުރެ 10.0 އިންސައްތަ ދަށް އަދަދެކެވެ.މީގެއިތުރުން، ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް މިއަހަރުގެ ތެރޭގައި ކޮށްފައިވާ ޚަރަދު މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 4.9 އިންސައްތައިން ދަށްވެފަ އެވެ.
ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް މިއަހަރުގެ މިހާތަނަށް ހިނގާފައިވާ ޖުމުލަ ހަރަދުގެ 35.6 އިންސައްތަ އަކީ އާސަންދަ ފިޔަވައި ދައުލަތުން ފޯރުކޮށްދޭ އެހެނިހެން ސަބްސިޑީތަކަށް ކޮށްފައިވާ ހަރަދެވެ. އަހަރުގެ މި މުއްދަތުގެ ތެރޭގައި މިފަދަ ސަބްސިޑީތަކަށް ހޭދަކޮށްފައިވާ މިންވަރަށްވުރެ 23.7 އިންސައްތަ ދަށް އަދަދެކެވެ. އާސަންދަ ފިޔަވައި އެހެނިހެން ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުންކޮށްފައިވާ ހޭދަ ދަށްވި ނަމަވެސް، އާސަންދައަށް މި އަހަރުގެ ތެރޭގައި ހިނގާފައިވާ ހަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 24.0 އިންސައްތައިން ވަނީ އިތުރުވެފައެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 829.4 މިލިއަން ރުފިޔާ އާސަންދައަށް ވަނީ ހޭދަކޮށްފަ އެވެ.
ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދުގެ 23.7 އިންސައްތަ، ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވީ ނަމަވެސް، މިއަހަރުގެ ތެރޭގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކުރުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއެކު، މިދިޔަ އަހަރާ އަޅައިބަލާއިރު ކެޕިޓަލް ހަރަދު މިވަނީ 71.3 އިންސައްތައިން ދަށްކުރެވިފަ އެވެ. މިއަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ ދައުލަތުގެ ޖުމުލަ ހަރަދުގެ 8.5 އިންސައްތަ އެވެ.
