ތެލެސީމިއާ ކުދިންނަށް ދެމުންދާ ހިދުމަތްތައް ހަރުދަނާ ކުރަން ސައިޕްރަސްއާއެކު އެމްއޯޔޫއެއް

ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ހިދުމަތްތައް ހަރުދަނާ ކުރުމަށް ރާއްޖެއާއި ސައިޕްރަސް އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. އަދި ސައިޕްރަސްގެ ފަރާތުން އެ ގައުމުގެ ހެލްތު މިނިސްޓަރު މައިކަލް ދަމްޔަނޮސް އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން
- މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ހިދުމަތް ދެވޭނެ.
- ސިއްހީ ހިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް ސައިޕްރަސްއިން އެހީތެރިކަން ލިބިގެންދާނެ
ސައިޕްރަސް އަކީ ތެލަސީމިއާ ކުދިން ނިސްބަތުން ގިނަ ގައުމަކަށްވާ އިރު ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް އެ ގައުމުން ހިންގަމުންދާ ޕްރޮގްރާމް ބައިނަލްއަގުވާމީ ގައުމުތަކުން ވެސް ބަނީ ބަލައިގެންފަ އެވެ.
އެހެންވެ ސައިޕްރަސް ފަދަ ގައުމެއްގެ ފަރާތުން އިބުރަތް ހާސިލުކޮށް އެފަރާތުގެ ފަންނީ އެހީތެރިކަން ލިބިގެން ދިއުމަކީ ސިއްހީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
